ހުނަރާއި އީޖާދުގެ މަރުކަޒު ''ފަންނު ވެށި'' މިރޭ އިފްތިތާޙްކޮށްފިއެވެ.

ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހުނަރާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ތަޢުލީމާއި ތަމްރީން ދިނުމަށްޓަކައި ގާއިމްކުރާ ހަބް ސްކޫލްތަކުގެ ތެރެއިން ޢިމާދުއްދީން ސްކޫލުގައި ޤާއިމްކުރި ހުނަރާއި އީޖާދުގެ މަރުކަޒު ''ފަންނު ވެށި'' މިރޭ އިފްތިތާޙްކޮށް ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

Ad
rt

ޚާއްސައެހީއަށް ބޭނުންވާ ދަރިވަރުންވެސް ހިމެނޭހެން ތަޢުލީމާއި ތަމްރީން ފޯރުވައިދިނުމަށް ގާއިމް ކުރާ މި މަރުކަޒަކީ، ދިވެހިރާއްޖޭގެ ތަޢުލީމުގެ ގާނޫނުގައި ހިމެނޭ ހުރިހާ ކުދިން ޝާމިލުކޮށްގެން ތަޢުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތުގައި ބަޔާންކޮށްފައިވާ ކަންކަން ހާސިލުކުރުމަށްޓަކައި ގާއިމުކުރެވިގެންދިޔަ މަރުކަޒެކެވެ. އަދި ތައުލީމީ ގާނޫނުގެ ދަށުން ރަސްމީތަޢުލީމުގެ ތެރެއިން ވޮކޭޝަނަލް އެޑިޔުކޭޝަން ތަޢާރަފް ކުރުމަށް އެޅުނު ފުރަތަމަ ފިޔަވަޅުވެސް މެއެވެ.

ފަންނު ވެށީގެ ދަށުން މިރޭ ވަނީ ހަތަރު ޕްރޮގްރާމެއް އިފްތިތާހްކޮށްފައެވެ. އެ ޕްރޮގްރާމްތަކަކީ،

  • ކެއްކުމުގެ ހުނަރު ދަސްކޮށްދިނުމަށް ގާއިމްކުރި ''ކައްކާވަތި''
  • ބިޔުޓީތެރަޕީގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމްކުރި ''ނަލަވަތި''
  • ޓެކްނޮލޮޖީގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމު ކުރި ''ޓެކްވަތި''
  • ފެހުމުގެ ހުނަރު ދަސްކޮށްދިނުމަށް ގާއިމުކުރި ''ފަހާވަތި''

މީގެ އިތުރުންވެސް ކުރިމަގުގައި އިތުރު ފަންނުތައް ދަސްކޮށްދިނުމުގެ މަސައްކަތް މި ފަންނު ވެށިން ފެށުމަށް ހަމަޖެހިފައިވާ ކަމަށް ތައުލީމާބެހޭ ވުޒާރާއިން ހާމަކުރަށްވާފަވެއެވެ.

ނައިބު ރައީސް ފައިސަލް، ފަންނު ވެށީގެ ޕްރޮގްރާމްތައް ކުރިއަށްދާގޮތް ބައްލަވާލައްވަނީ، ފޮޓޯ: ރައީސް އޮފީސް

ތައުލީމާބެހޭ ވުޒާރާއިން ވިދާޅުވީ ފަންނުވެށިން ދަސްވެނިވާ ދަރިވަރުންނަކީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ސެޓިފިކެޓް ލެވެލް 3 ގެ ސަނަދާއެކު ދަސްވެނިވާ ދަރިވަރުން ކަމަށެވެ. އަދި މިފަންނުތަކުގައި އުނގެނޭ ދަރިވަރުންނަށް އަމަލީ ތަޖުރިބާ ފޯރުކޮށްދިނުން ވެސް ހިމެނޭކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުން ހިމެނޭހެން ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހުނަރާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ތަޢުލީމާއި ތަމްރީނު ދިނުމަށްޓަކައި ޤާއިމުކުރާ ހަބް ސްކޫލްތަކުގެ ތެރެއިން، ޢިމާދުއްދީން ސްކޫލުގައި ޤާއިމްކުރި "ހުނަރާއި އީޖާދުގެ މަރުކަޒު – ފަންނުވެށި"އަކީ، ދިވެހިރާއްޖޭގެ ތަޢުލީމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ ދަށުން ހުރިހާ ކުދިން ޝާމިލުކޮށްގެން ތަޢުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް ވޮކޭޝަނަލް އެޑިއުކޭޝަން ފޯރުކޮށްދިނުމަށް ތަރައްޤީ ކޮށްފައިވާ މަރުކަޒެކެވެ.

އިމާދުއްދީން ސްކޫލަކީ، 2004 ވަނަ އަހަރުން ފެށިގެން ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ޚާއްޞަ ކުލާސްތަކެއް ހިންގަމުން އަންނަ ސްކޫލެކެވެ.