އެމްޕީއެލް ސަރަހައްދުގައި ހުރި ކޮންޓޭނަރަކުން ކެމިކަލް ލީކުވަމުންދާތީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފި އެވެ.
މިކަމާއި ގުޅޭގޮތުން އެމްޕީއެލް ސްޕޯކްޕާރސަން ދާނިޝް ނިޒާމް މީޑިޔާތަކަށް މަޢުލޫމާތު ހިއްސާކުރަމުން ބުނީ، މާލެ ކޮމާރޝަލް ހާބަރުގައި ހުރި ކޮންޓެއިނަރެއްގެ ތެރޭގައި ހުރި ކްލީނިންގ އައިޓަމް ތަކެއް ލީކްވެގެން ދުންއަރާތީ އެމްއެންޑީއެފުން އެސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
ކެމިކަލް ރިލޭޓެޑް ހާލަތްތަކުގައި އެކުންފުނީގައި އަމަލުކުރުމުން އަންނަ އުސޫލަކީ އަބަދުވެސް އެމްއެންޑީއެފަށް އެކަން ރިޕޯޓުކުރުންކަމަށް ދާނިޝް ނިޒާމް ބުންޏެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް އަށް ރިޕޯޓްކޮށްފައިވަނީ މިއަދު 15:29 ހާއިރު އެވެ. އެއާއި އެކު ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ އެފްއާރުއެސްގެ ހަޒްމެޓް ޓީމެއް އެ ސަރަހައްދަށް ގޮސް، ކެމިކަލް ލީކުވަމުންދާ ކޮންޓޭނަރު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެމްއެންޑިއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން އިތުރަށް ބުނީ، އެމްޕީއެލް ސަރަހައްދުގައި ހުރި ކޮންޓޭނަރުން ކެމިކަލް ލީކުވާކަން ފާހަގަވީ ކޮންޓޭނަރުން ދުން އަރަން ފެށުމުން އެ ސަރަހައްދު ބެލިބެލުމުންކަމަށެވެ.
އެ ކޮންޓޭނަރުން ލީކުވަމުންދަނީ ހައިޑްރޮޒެން ޕެރޮކްސައިޑް އަޅާފައިހުރި ކެމިކަލް ހަންތަކަކުންކަމަށް އެމްއެންޑިއެފްއިން މަޢުލޫމާތުދެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ދެއިދާރާއިންވެސް މައުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!