ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގައި ލޮލުގެ ޑޮކްޓަރުގެ ޚިދުމަތް އަލުން މިއަދު ފަށައިފިއެވެ.

އެ ހޮސްޕިޓަލުން ދެމުންދިޔަ ލޮލުގެ ޑަކްޓަރުގެ ހިދުމަތްތައް ވަގުތީ ގޮތުން މެދު ކެނޑުނީ އެ ހޮސްޕިޓަލްގެ ލޮލުގެ ޑިޕާރޓްމެންޓްގައި މަސައްކަތް ކުރައްވަމުން ގެންދެވި އެއް ޑަކްޓަރު ހޮސްޕިޓަލާއި ވަކިވެފައިވަނިކޮށް، ދެން ހުންނެވި ޑަކްޓަރު އެމަރޖެންސީ ކަމެއްގައި ޗުއްޓީ ނަންގަވަން ޖެހުމުންނެވެ.

Ad
rt

ކޭއާރުއެޗުން މިއަދު ވިދާޅުވީ، ލޮލުގެ ހިދުމަތްތައް ވަގުތީ ގޮތުން މެދު ކަނޑާލުމަށްފަހު، މިއަދު އަލުން އޯ.ޕީ.ޑީ ފެށިފައިވާކަމަށެވެ.

''އަޅުގަނޑުމެންނާއި އަލަށް ގުޅުނު ޑަކްޓަރާއި އަދި މިހާލަތުން ވީއްލުމަށް ވަގުތީ ގޮތުން ގެނެވުނު ޑަކްޓަރަކާއިއެކު ޖުމްލަ 2 ޑަކްޓަރުން އޯ.ޕީ.ޑީ ގެ ދެ ދަންފަޅީގައި ބައްލަވާނެ'' ކޭއާރުއެޗުން ވިދާޅުވެފަވެއެވެ.

އަމާޒަކީ ވެއިޓްލިސްޓްކޮށްފައި ތިބި ހުރިހާ ފަރާތަކަށް އެޕޮއިންޓްމެންޓް ހަމަޖައްސައިދީ، ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭގައި އާންމު ހާލަތަށް އައުންކަމަށް ވެސް އެ ހޮސްޕިޓަލުން ވިދާޅުވެފަވެއެވެ.

ކޭއާރުއެޗަކީ އުތުރުގެ މައި ހޮސްޕިޓަލެވެ. ވޭތުވެ ދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ހޮސްޕިޓަލުން ވަނީ ޚާއްޞަ ބަލިތަކުގެ ގިނަ ޑަކްޓަރުން ތައާރަފްކޮށް، ވަސީލަތްތައް އިތުރުކޮށް ހޮސްޕިޓަލްގެ ޚިދުމަތް ވަރަށް ބޮޑަށް ފުޅާކޮށްފައެވެ.