މިއަދަކީ ދިވެހި ރާއްޖޭގެ ފަހުރުވެރި ޤައުމީ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ. ޤައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ 1 ވަނަ ދުވަހެވެ. ދިވެހީންގެ ޤައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު އެވެ. އެއީ 4 ފެބްރުއަރީ 1946 ގައެވެ.
ތިލަދުންމަތީ އުތީމު އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް އަކީ 1573މ. ގައި ޕޯޗުގީޒުންގެ އަނިޔާވެރިކަމުން ރާއްޖެ ސަލާމަތްކުރެއްވި ޤައުމީ ބަޠަލެވެ. ރަސްކަމަށް އިސްވެވަޑައިގަތުމުގެ ކުރިން މިރަދުންނަކީ އުތީމު މުޙައްމަދު ބޮޑުތަކުރުފާނެވެ. އެނގިފައިވާ ގޮތުގައި ބޮޑުތަކުރުފާނު ދެ ބޭފުޅަކާއި ކައިވެނިފުޅު ކުރެއްވިއެވެ. އެއީ ބާރަށު ބުޅާ ފާތުމާގެ ރެހެންދި (ފަހުން އާމިނާ ރަނިކިލެގެފާނު) އާއި ޢަލީ ރަސްގެފާނުގެ ދަރިކަނބަލުން ސިއްތި މާވާ ރަނި ކިލެގެފާނެވެ.
މުހައްމަދު ތަކުރުފާނު ތުއްޕުޅުއިރު، އުތީމުގެ ތުނޑީކޮޅުގައި މަޅިފަތި ޖައްސަވައިގެން ދޫނި ހިއްޕަވާން އުޅުއްވި ކަމަށް ބުނެވެއެވެ. ދޫންޏެއް މަޅިފަތީގައި ޖެހިއްޖެނަމަ އެ ދޫނި މިނިވަން ކުރައްވައެވެ. މުޙަންމަދު ތަކުރުފާނުގެ ޒުވާން ޢުމުރުފުޅުގައި، އިންޑިޔާގެ ބޭދާޅީއަށް ޯޗުގީޒުން ދިވެހިރާއްޖޭގެ ރަދުން 6 ވަނަ ޢަލީރަސްގެފާނު ޝަހީދުކޮށް، ކިޔަވައިވިދާޅުވާން ވަޑައިގަތްކަމަށް ރިވާވެފައިވެއެވެ.
ޕޯޗުގީޒުން ދިވެހިރާއްޖޭގެ ރަދުން 6 ވަނަ ޢަލީރަސްގެފާނު ޝަހީދުކޮށް، ދިވެހިރާއްޖެ ހިފައިފައިވަނީ 1 ޝަޢުބާން 965ހ. (19 މެއި 1558) ގައެވެ. ޕޯޗުގީޒުންގެ ވެރިއަކަށްހުރި އަނދިރިއަނދިރިންގެ ނުބައިކަމާއި، އަނިޔާ ވަނީ ބޮޑުވެފައެވެ. ދެކުނުގެ ތިން އަތޮޅު ފިޔަވައި، ރާއްޖޭގެ ހުރިހާ އަތޮޅަކަށްމެ ވަނީ ޕޯޗުގީޒުންގެ ބާރު ފޯރުވަފައެވެ. މުޅި ރާއްޖެދަނީ ޣައިރުދީނަށް އެނބުރެމުންނެވެ.
މި ދަރަޖައަށް ރާއްޖޭގެ ކަންތައްތައް ގޮސްފައި ވަނިކޮށް، އުތީމު ޙުސައިން ޚަޠީބު ތަކުރުފާނުގެ ތިން ދަރިކަލުން، ޢަލީތަކުރުފާނާއި މުޙައްމަދު ތަކުރުފާނާއި ޙަސަން ތަކުރުފާނު، ޕޯޗުގީޒުންގެ ކިބައިން ދިވެހިރާއްޖެ ސަލާމަތްކުރައްވައި، މާތްވެގެންވާ އިސްލާމްދީން ރާއްޖޭގައި އަލުން ޤާއިމްކުރެއްވުމަށް ޢަޒުމް ކަނޑައެޅުއްވިއެވެ. އެތިން ބެއިންގެ ލީޑަރަކަށް މުޙައްމަދު ތަކުރުފާނު އިޚްތިޔާރުކުރެއްވިއެވެ.
މިޢަޒްމު ކަނޑައެޅުއްވުމަށް ފަހުގައި، އުތީމު ތިންބޭން އެންމެ ފުރަތަމަ އެޅުއްވި ފިޔަވަޅަކީ ޢާއިލާގެ ބޭފުޅުން މަލިކަށް ގެންދެވުމެވެ. އެބޭފުޅުން ދަތުރުކުރެއްވީ ތިލަދުންމަތީ ބާރަށުގައި ޕޯޗުގީޒުން ބަންނަވައިފައިވާ ބާރަށް ދުވާ އޮޑި "ކަޅުއޮށްފުންމި" ގައެވެ. މަލިކުން އެބޭފުޅުންނާ ބައްދަލުވީ، ޢަލީ ޙާޖީ އާއި ޙަސަން ޙާޖީއާ ދެބޭންނެވެ. މި ދެބޭންވެސް އުތީމު ތިން ބޭންނާ އެއްބައިވިއެވެ. މިމަދު މީސްކޮޅުގެ ތެރޭގައި ދެން ހިމެނުނީ އެބޭފުޅުންގެ އަރިހުގައި ގެންގުޅުއްވި ދުވާފަރު ޢަލީ ދަންޑެހެލެވެ.
''ކަޅުއޮށްފުންމީ'' ގައި އެ ބޭފުޅުންގެ ޖިހާދު ފެށްޓެވީއެވެ. ރޭގަނޑުގެ އަނދިރިއާ އެކުގައި ރާއްޖޭގެ އެތެރެއަށް ވަންނަވައި، ރަށްރަށުގައިވާ ޕޯޗުގީޒުންގެ މީހުން މަރުއްވައި، މީސްތަކުންގެ ހިތްތަކުގައި އިސްލާމީ ރޫޙު އައުކުރެއްވިއެވެ. ފަތިސްވާއިރު ކަޅުއޮށްފުންމި ރާއްޖެއިން ބޭރަށް ގޮސް، ވާނުވާ ތަނެއް ނުއެނގެއެވެ.
އެއްރެއަކު ތިލަދުންމަތީ ތަކަންދުއަށް ކަޅުއޮށްފުންމި ކުރި ދަތުރެއްގައި، ޢަލީ ތަކުރުފާނު އޭނާގެ އަނބިކަނބަލުންގެ ގޭގައި އޮންނަވަނިކޮށް އަވަހާރަފުޅުލެއްޕެވިގެން ފަތިސް ވީއިރުވެސް އޮޑިދޮށަކަށް ވަޑައެއް ނުގެންނެވުނެވެ. ކަޅުއޮށްފުންމިއަށް ފުރައިގެން ދާންޖެހުނީ ޢަލީ ތަކުރުފާނު އެ ރަށަށް ދޫކޮށްލައިފައެވެ. އަނެއް ދުވަހު، ޢަލީ ތަކުރުފާނު އެ ރަށުގައި ވާކަން ކާފަރުންނަށް އެނގިގެން އެތަކުރުފާނު ޝަހީދުކޮށްލީއެވެ. ބުނެވެނީ ޢަލީ ތަކުރުފާނުންގެ އިސްތަށިފުޅު އެމީހުން އަނދިރި އަނދިރީންނަށް ވެދުމަށް މާލެއަށް ފޮނުވީ ކަމުގައެވެ. މާލެއަށް ގެނައި ޢަލީ ތަކުރުފާނުންގެ އިސްތަށިފުޅު، މާލޭގެ އަހުލުވެރީން އަތުލައި، މާލެ ކައިރީގައި އޮންނަ ފުނަދޫގައި ވަޅުފުޅުލީއެވެ. އަދިއަދަށްދާންދޭން ޢަލީތަކުރުފާނުގެ އިސްތަށިފުޅުގެ މަހާނަ ފުނަދޫގައި އެބަހުއްޓެވެ. ޢަލީ ތަކުރުފާނު ޝަހީދުވީ ހިޖުރީ ސަނަތުން 980 (1572މ.) ވަނަ އަހަރުއެވެ.
މުހައްމަދު ތަކުރުފާނު ޕޯޗުގީޒުގެ މީހުނާއި ދިމާކޮށްލެއްވުމުގެ ސަބަބުން އެބައިމީހުން އެކަމަށް ހޭލައި ފަރުވާވެ ތިބޭންފަށަފިއެވެ. އެހެންކަމުން ކަޅުއޮށްފުންމީގެ ފަހުލަވާނުންނަށް އެކަނި ޕޯޗުގީޒުން ބަލިކުރައްވައި، މޭލެ ނުހިއްޕެވޭނެކަން މުޙައްމަދު ތަކުރުފާނަށް އެނގިވަޑައިގެންފިއެވެ.
އެހެންކަމާއެކު އޭނާ ކަންނަންނޫރަށް ވަޑައިގަންނަވައި އަލީ ރާޖާއާ ބައްދަލުވެވަޑައިގަތެވެ. ދިވެހިންނަށް ހަނގުރާމަމަތީ ގުރާބާއި ލަޝްކަރެއް ދެއްވަން އަލީރާޖާ އެއްބަސްވެވަޑައިގަތެވެ. މިމީހުން ގޮވައިގެން އެބޭފުޅުން މާލެ ވަޑައިގެންނެވި ރޭގެ އަނެއް ދުވަހަކީ، ކިރިސްޓިއަން ދީނަށް ނުވަންނަ ކޮންމެ މީހަކު މަރައިލާނޭ ކަމަށް ޕޯޒުގީޒުން އަންގައިފައިވާ ދުވަހެވެ.
ހަމަ އެރޭ މުހައްމަދު ތަކުރާފު ލަސްކަރާއެކު މާލެއަރުއްވާ ޕޯޗުގީޒުންނާ ހަނގުރާމަކުރެއްވިއެވެ. އަދި ޕޯޗުގީޒުންގެ އެންމެ ގަތުލުކޮށްލިއެވެ. އަނދިރިއަނދިރިން މަރިވިކަމަށް ބުނެވެނީ މުޙައްމަދު ތަކުރުފާނު ޖެއްސެވި ބަޑީގެ އުންޑައަކުންނެވެ. މިކަން ހިނގީ 1 ރަބީޢުލްއައްވަލް 981 ( 2 ޖުލައި 1573 މ.) ގައެވެ. ޕޯޗްގީޒުން ރާއްޖޭގައި ވެރިަކން ކުރީ 15 އަހަރައި 6 މަސް ދުވަހުއެވެ. އެއަށް ފަހު މުހައްމަދު ތަކުރުފާނު 12 އަހަރު ވާންދެން ދިވެހި ރާއްޖޭގައި ރަސްކަން ކުރެވިއެވެ. މި ރަދުން އަވަހާރަވީ ހިޖުރައިން 1 ރަމަޟާން 993 ގައެވެ. ފަސްދާނުލެވިފައިވަނީ ގަލޮޅު ބިހުރޯޒު މިސްކިތު ޙަރިންމަ ތެރޭގައި ހުރި ޒިޔާރަތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!