ހދ. އަތޮޅު ކައުންސިލުން މާލެ އަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރަށް، ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް ގެ އެޕޮއިންޓްމެންޓްއެއް ލިބޭނެ ގޮތެއް ނުވި އެވެ.
މިމަހުގެ 3 ވަނަ ދުވަހު އެކައުންސިލުން ފޮނުވި ސިޓީ އާއި ހަވާލާދެއްވާ ރައީސް އޮފީހުން މިމަހުގެ 7 ވަނަ ދުވަހު ދެއްވި ޖަވާބުގައި ވިދާޅުވެފައިވަނީ، ރައީސް ކައުންސިލް ތަކާއި ބައްދަލުކުރައްވަނީ އެޕޮއިންޓްމަންޓަށް އެދި ކައުންސިލަކުން ސިޓީ ހުށަހަޅުއްވާ ތާރީޙްގެ ތަރުތީބުންކަމަށް ވާތީ، އެދިވަޑައިގެންފައިވާ ދުވަސްވަރުު ބައްދަލުކޮށްލެއްވުމެއް ހަމަޖައްސަވަން ދަތިފުޅުކަމަށް ދަންނަވާފަ އެވެ.
ރައީސް އޮފީހުން ރައީސް އާއި ބައްދަލުކޮށްލެއްވުން ހަމަޖައްސަވަމުން ގެންދަވަނީ މިހާތަނަށް އެއްވެސް ބައްދަލުކޮށްލެއްވުމެއް ހަމަޖައްސަވައި ދެއްވާފައިނުވާ ކައުންސިލްތަކަށް އިސްކަންދެއްވައިގެން ކަމުގައިވެސް ވިދާޅުވެފައިވެއެވެ.
އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީ ކައުންސިލް އިދާރާގައި ބައްދަލު ކުރައްވާފައިވުމާއި އެކު، މިހާރު ބައްދަލުކުރައްވަން އެދިވަޑައިގެންފައިވާ ކައުންސިލްތަކަށް ފުރުޞަތު ދެއްވުމަށްފަހު ހދ. އަތޮޅު ކައުންސިލް އާއި ބައްދަލުކޮށްލައްވާނެ ތާރީޙެއް ރައީސް އޮފީހުން ފަހުން އަންގަވާނެ ވާހަކަ ދަންނަވާފައިވެއެވެ.
ހދ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ސިރާޖް އަށް އެޑްރެސް ކުރައްވާ ރައީސް އޮފީހުން ފޮނުއްވި ސިޓީގެ ކޮޕީއެއް "ތިލަދުން" އަށް ވަނީ ލިބިފަ އެވެ.
ސަރުކާރުން ހދ. އަތޮޅުގައި ކުރިޔަށްގެންދަވާ ތަރައްޤީގެ އެކި މަޝްރޫޢުތަކާ ބެހޭގޮތުން އެންމެ ފަހުން ހދ. އަތޮޅު ކައުންސިލް އާއި މަޝްވަރާކުރައްވާފައިވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ އިދާރާގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި ކުރިއަށްދިޔަ ބައްދަލުވުމުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުގެ މެންބަރުން ވަނީ އަތޮޅުގެ އެކި ރަށްރަށުގައި ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާ ގުޅޭގޮތުންނާއި އަދި، މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ރައީސް އާއި މަޝްވަރާ ކުރައްވާފައެވެ. އެގޮތުން، ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު އަވަހަށް ފެށުމަށް ބޭނުންވާކަމަށާއި، ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމާއި ގުޅޭގޮތުންނާއި، ރަށްރަށުގެ ބަނދަރާއި، ފެނާއި ނަރުދަމާ އަދި، ސްކޫލްތަކާއި، ޒުވާނުންނަށް ބޭނުންވާ އިޖްތިމާޢީ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން އަތޮޅުކައުންސިލުގެ މެންބަރުން ރައީސް އާއި މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލަރުން ހުށަހެޅުއްވި ކަންކަމާއި އަތޮޅުގެ ރަށްރަށުގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާއި ޙިއްޞާކުރައްވާފައެވެ. އަދި ޚާއްޞަގޮތެއްގައި ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢޫބެހޭ ފަހުގެ މަޢުލޫމާތުތައް މި ބައްދަލުވުމުގައި ޙިއްޞާކުރައްވައި، ރައީސް ވަނީ މި ސަރަޙައްދުގައި ރަނގަޅު ފެންވަރުގެ އިންޓަރނޭޝަނަލް އެއަރޕޯޓެއް ޤާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ޙައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމަށްފަހު ރައީސް ވަނީ ކުޅުދުއްފުށި ސިޓީގެ ބައެއް ވިޔަފާރިވެރިންނާވެސް ބައްދަލުކުރައްވައި އެބޭފުޅުންގެ ކަންބޮޑުވުންތައްވެސް އަޑުއައްސަވާފައެވެ.
މިއީ، އެކައުންސިލް އަލަށް އިންތިހާބުވުމަށްފަހު ރައީސް އާއި އެކު ބޭއްވި ހަމައެކަނި ބައްދަލު ވުމެވެ. ހދ. އަތޮޅު ކައުންސިލް އަކީ ސަރުކާރުގެ މެޖޯރިޓީ އޮންނަ ކައުންސިލްއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!