ކަރަންޓް ސޮކެޓް ސާރކިޓާއި އަދި ދިއްލުމާއި ފަންކާ ހިމެނޭ ސާކިޓަށް މިއަދުން ފެށިގެން ދިވެހިރާއްޖޭގެ ޔުޓިލިޓީ ރެގުލޭޓަރީ އޮތޯރިޓީން ބަދަލުތަކެއް ގެނެސްފިއެވެ.
މިކަމާއި ގުޅިގެން އިއްޔެ އެ އޮތޯރިޓީން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ އޮތޯރިޓީން މިހާރު ތަންފީޒު ކުރަމުން ގެންދާ ގަވާއިދު "މާލެއާއި ރާއްޖެތެރޭގައި ޢާންމުކޮށް އިލެކްޓްރިކް ކަރަންޓް ދިނުމާބެހޭ ޤަވާޢިދު" އަކީ 2000 ވަނަ އަހަރުގެ ކުރިން ހަދައި ޢާންމު ކުރެވިފައިވާ ގަވާއިދެއްކަމުން، އެގަވާއިދުގައިވާ ބައެއް ކަންކަމަކީ މިހާރު އައުޓްޑޭޓެޑް ވެފައިވާ ކަންކަން ކަމަށެވެ.
އެ އޮތޯރިޓީން މިއަދު ވަނީ ފާހަގަކުރެވިދިޔަ ދެ ސާރކެޓާއި ގުޅޭގޮތުން ވަކި ގަވައިދެއް ނުވަތަ މިންގަނޑުތަކެއް ޝާއިޢު ކުރެވެންދެން އަމަލުކުރާނެ ގޮތުގެ ތަފްސީލް ވެސް އާންމު ކޮށްފައެވެ. އެ ތަފްސީލް ތިރީގައި ހިމެނިފައި އެވަނީ އެވެ.
ސާރކިޓަކަށް ގުޅޭ އެންމެ ގިނަ ދިއްލުން އަދި ފަންކާ:
ދެންނެވުނު ގަވާއިދުގައިވަނީ އެޒަމާނުގައި ޢާންމުކޮށް ބޭނުންކުރި (ފިލަމެންޓް) ދިއްލުންތަކުގެ ވޮޓޭޖްއަށް ބަލާފައި ކަނޑައަޅާފައިވާ އަދަދެއް ކަމުގައިވާތީ، އަދި މިހާރު ހަކަތަ ސަމަކާރަ ދިއްލުންތައް މާރކެޓްގައި ޢާންމުކޮށް އަދި އަގު ހެޔޮކޮށް ލިބެންހުރުމާއެކު، 800 އަކަފުޓޫގެތެރޭގައި ދިއްލުން އަދި ފަންކާ ހިމެނޭ ސަރކިޓަކަށް، 10 ދިއްލުން އަދި 2 ފަންކާ ހަރުކުރެވިދާނެއެވެ.
މި ސަރކިޓަށް އިތުރު އެއްވެސް ކަރަންޓު ބޭނުންކުރާ އާލާތެއް ގުޅައިގެން ނުވާނެވެ. އަދި، މި ސަރކިޓްގެ ކަރަންޓު ލޯޑް 1000 ވޮޓް އަށް ވުރެން އިތުރު ވެގެން ނުވާނެއެވެ. މީގެ އިތުރުން، މިފަދަ ސަރކިޓްތައް ވައިރު ކޮށްފައި ހުންނަވާނީ 2.5 sqmm ސައިޒުގެ ނަރުންނެވެ. އަދި ސަރކިޓް ޕްރޮޓެކްޝަންއަށް އެންމެ މަތިވެގެން ބޭނުންކުރެވޭނީ ޓްރިޕް ކަރވް 'ސީ' ގެ 10 A އެމް. ސީ. ބީ އެވެ.
ސާރކިޓަކަށް ގުޅޭ އެންމެ ގިނަ ކަރަންޓު ސޮކެޓް:
ކަރަންޓު ސޮކެޓް ސަރކިޓެއްގައި އެންމެ ގިނަވެގެން ގުޅޭނީ 13A ގެ 4 ސޮކެޓެވެ. އަދި މިފަދަ ސަރކިޓެއްގައި އެންމެ މަތިވެގެން ބޭނުންކުރަންވާނީ ޓްރިޕް ކަރވް 'ސީ' ގެ 16A އެމް. ސީ. ބީ. އެވެ. އެއް ސަރކިޓްގައި މި އަދަދަށް 800 އަކަފޫޓުގެ ތެރޭގައި ހުންނަ ކޮންމެ (މިސާލު: ނިދާ ކޮޓަރި، ފެންޑާ، ސިޓީންގް ރޫމް، ބަދިގެ) ކޮޓަރި/ސަރަހައްދަކަށް ގުޅިދާނެއެވެ. އަދި އެއް ސަރަހައްދަކަށް ނިސްބަތްވާ ސޮކެޓެއް އެހެން ސަރަހައްދެއްގައި ހުރެގެން ނުވާނެވެ.
މީގެ އިތުރުން، މަތީ ކަރަންޓުނަގާ އާލާތްތައް (އޭ.ސީ.، ހީޓަރު، ކުރާ..) މިފަދަ ސަރކިޓަކަށް ގުޅައިގެން ނުވާނެއެވެ. އަދި އެފަދަ އާލާތްތަކަށް ވަކި ސަރކިޓްއެއް އަޅަންވާނެއެވެ.
ސާރކިޓް ބްރޭކަރު ލޯޑް ކުރެވޭ އެންމެ މަތި:
އެއްވެސް ސަރކިޓްއެއްގެ ޑިޒައިން ލޯޑް އެ ސަރކިޓް ގުޅާފައިވާ ބްރޭކަރެއްގެ ރޭޓެޑް ކަރަންޓުގެ %80 އަށް ވުރެ މަތި ވެގެން ނުވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!