ޔޯގާ މައްސަލާގައި ޝޭހް ފަޒްލޫން މުހައްމަދު ބަންދުކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.
މިދިޔަ ޖޫން މަހު ގަލޮޅުގައި ޔޯގާއާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފަޒްލޫން މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ބަންދުކުރަން ނެރުނު އަމުރުތައް އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ނިންމީ އޭނާ ބަންދުކުރަން ނެރުނު އަމުރުތައް ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް އޭނާ މިހާރު ހުރީ ދޫކޮށްލައިފަ އެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ ފަޒްލޫނާ ދެކޮޅަށް އިންޓެލިޖެންސް ރިޕޯޓްގެ އިތުރުން ސްނެޕް ޝޮޓްތަކާއި ފުލުހުންގެ ބަޔާންތައް ހުށަހަޅާފައިވާ ކަމަށެވެ. އަދި ކޮންމެވެސް މިންވަރެއްގެ ތުހުމަތެއް ކުރެވޭ މިންވަރަށް އޭނާއާ ދެކޮޅަށް ހެކި ހުށަހަޅާފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުތަކުގައިވާ ކަމަށް ހުކުމުގައިވެ އެވެ.
ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ކްރިމިނަލް ކޯޓުގެ އަމުރުތައް ބާތިލް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ފަޒްލޫން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރެއް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވެ އެވެ. އެ މައްސަލާގެ ހުކުމް އަދި ނީއްވަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!