ކުޅުދުއްފުށި ސިޓީގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން އެ ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަސަބު ގަތަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިކަމާއި ގުޅިގެން ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދު ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ކުޅުދުއްފުށި ސިޓީގައި ދިރިއުޅޭ ކަނބަލުންނަށް 15 ދުވަހުގެ މުއްދަތަށް ހިންގުމަށް ނިންމާފައިވާ މި ކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ބޭސިކުން ފަށައިގެން އެޑްވާންސާ ހަމައަށް ކަމަށެވެ.
މި މަހު 16 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހުން ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ އެ ސިޓީގައި ދިރިއުޅޭ ކަނބަލުންގެ ތެރެއިން 16 އަހަރާއި 40 އަހަރާއި ދެމެދުގެ ކަނބަލުންނަށެވެ.
ޖުމްލަ 10 ބައިވެރިންނަށް ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާއިރު، ބައިވެރިން ހޮވުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ 13 އޯގަސްޓް 2022 ވާ ހޮނިހިރު ދުވަހުގެ 10:00 ގައި ކުޅުދުދުއްފުށީ ސިޓީ ކައުންސިލް އިދާރާގައެވެ. ކޯހުން ފުރުޞަތު ދޭ ދިހަ ބައިވެރިން ހޮވުމަށް ހަމަޖެހިފައިވަނީ އެ ބައްދަލުވުމަށް ހާޟިރުވާ ފަރާތްތަކުގެ މެދުގައި ޤުރުއަތު ލައިގެންނެވެ.
މި ކޯހާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 9958819 ނަމްބަރަށް ގުޅުއްވުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން އެދިލައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!