ފަންނީ ދާއިރާއިން މީހުން ބިނާ ކުރަން އެމްޑަބްލިއުއެސްސީން އެމްއައިޓީއާއެކު ސޮއި ކޮށްފި

MWSC

ފަންނީ ދާއިރާތަކުން މީހުން ބިނާ ކުރުމަށް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާއެކު އެމްޑަބްލިއުއެސްސީން އެމްއޯޔޫއެއްގައި ސޮއި ކޮށްފިއެވެ.

އެމްޑަބްލިއުއެސްސީ ގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން މި އެމްއޯޔޫގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއެވެ. އެމްއައިޓީ ގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ އޮފް ޕްރޮގްރާމް އާދަމް ހަލީމެވެ.

ފަސްއަހަރު ދުވަހުގެ މުއްދަތަށް ހެދި މި އެއްބަސްވުމުގެ ދަށުން އެމްޑަބްލިއުއެސްސީ ގެ މުވައްޒަފުން އެކިދާއިރާތަކުން ބިނާކުރުމުގައި އެމްްއައިޓީން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އެގޮތުން މުވައްޒަފުން ބިނާކުރަން ބޭނުންވާ ތަފާތު ފަންނުގެ ކުރު ކޯސްތައް އެ އިންސްޓިޓިއުޓުން ހިންގާނެއެވެ.

މީގެ އިތުރުން އެމްޑަބްލިއުއެސްސީން ބޭނުންވާ ދާއިރާތަކުން ޕްރޮގްރާމްތައް ހިންގުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ފެންވަރަށް ސިލަބަސް އަދި ކޯސް ޑޮކިއުމެންޓްތައް ތައްޔާރުކުރުމަށް އެމްއައިޓީ ގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

މި އެމްއޯޔޫގެ ދަށުން އެމްއައިޓީން ތައްޔާރުކުރާ ޓެކްނިކަލް ޕްރޮގްރާމްތަކަަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން އެމްޑަބްލިއުއެސްސީން ފޯރުކޮށްދިނުމާއި އެމްއައިޓީގައި ކިޔަވާ ދަރިވަރުންނަށް އެމްޑަބްލިއުއެސްސީ މެދުވެރިކޮށް އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެމްއައިޓީން ކުރިއަށް ގެންދިޔަ ޝޯޓް ކޯސް އޮން ވެލްޑިންގ ޓެކްނިކްސް އަދި ސެޓްފިކެޓް ތްރީ އިން ލޭންޑިންގ ސާރވޭއިން ކޯސް ފުރިހަމަކުރި އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނަށް ސެޓްފިކެޓް ވަނީ ހަވާލުކޮށްފައެވެ. ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްޑަބްލިއުއެސްސީ ގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް އާއި އެމްއައިޓީ ގެ ޑިރެކްޓަ އޮފް ޕްރޮގްރާމް އާދަމް ހަލީމެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެ ކުންފުނީގެ އުއްމީދަކީ މި ވެވުނު އެއްބަސްވުމުގެ ސަބަބުން ތަފާތު އެކިއެކި ފަންނީ ދާއިރާތަކުން، ހާއްސަގޮތެއްގައި ފެނާއި ނަރުދަމާ އާއި ގުޅުންހުރި ދާއިރާތަކުން ފަންނީ ތަމްރީނު ލިބިފައިވާ މީހުން ބިނާވުމަށް މަގުފަހިވާނެ ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް އެއްދުވަހުން އަނެއްދުވަހަށް އިތުރަށް ތަރައްގީކޮށް، ކުރިއެރުވުމަކީ ވެސް އެ ކުންފުނޫގެ އަމާޒެއް ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި