މި ހަފްތާ ތެރޭގައި ލޮލުގެ ޑޮކްޓަރުގެ ޚިދުމަތް އަލުން ފެށޭނެކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ވިދާޅުވެއްޖެއެވެ.

އެ ހޮސްޕިޓަލުން މިއަދު ވިދާޅުވީ، އެ ހޮސްޕިޓަލުން މި ވަގުތު ލޮލުގެ ޑަކްޓަރުގެ ހިދުމަތްތައް ވަގުތީ ގޮތުން މެދު ކެނޑިފައި ވަނީ، އެ ހޮސްޕިޓަލްގެ ލޮލުގެ ޑިޕާރޓްމެންޓްގައި މަސައްކަތް ކުރައްވަމުން ގެންދެވި އެއް ޑަކްޓަރު ހޮސްޕިޓަލާއި ވަކިވެފައިވަނިކޮށް، ދެން ހުންނެވި ޑަކްޓަރު އެމަރޖެންސީ ކަމެއްގައި ޗުއްޓީ ނަންގަވަން ޖެހުމުން ކަމަށެވެ.

Ad
rt

އެހެންވެ އެކަން އެންމެހާ ކަސްޓަމަރުންގެ މަޢުލޫމާތައްޓަކައި ހިއްސާކުރައްވާ ކަމަށް ކޭއާރުއެޗުން ވިދާޅުވެފަވެއެވެ.

''އިތުރު ޑަކްޓަރެއް ހޮސްޕިޓަލަށް ގެނައުމުގެ އެންމެފަހުގެ މަސައްކަތްތައް ކުރެވެމުންދާ ވާހަކަ އެންމެހާ ކަސްޓަމަރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މި ހަފްތާ ތެރޭގައި ލޮލުގެ ޑޮކްޓަރުގެ ޚިދުމަތް އަލުން ފެށޭނެކަމުގައި ދަންނަވަމެވެ.'' ކޭއާރުއެޗުން ވިދާޅުވެފަވެއެވެ.

ކޭއާރުއެޗްއަކީ ވޭތުވި ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ޑަކްޓަރުންގެ ޚިދުމަތް ވަރަށް ބޮޑަށް ފުޅާކޮށް، ގިނަ ޚިދުމަތްތަކެއް ވެސް އެ ހޮސްޕިޓަލުން ލިބޭނެ ގޮތަށް ގިނަ ވަސީލަތްތަކެއް ތަރައްގީކޮށްފައިވާ ހޮސްޕިޓަލެކެވެ.