ހދ. ކުޅުދުއްފުށި ސިޓީގައި އުޅޭ ބަންގުލަދޭސް ރައްޔިތަކު، ޔުނީފޯމު ފަހައިދޭނެކަމަށް ބުނެ ގިނަބައެއްގެ އަތުން ފައިސާނަގައި ލަނޑު ދީފި އެވެ.
މިކަމާއި ގުޅޭ ގޮތުން ފުލުހުން "ތިލަދުން" އަށް ބުނީ މިފަދަ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށައެޅިފައިވާ ކަމަށެވެ. މިމައްސަލަ ދަނީ ތަހުގީގުކުރަމުން ކަމަށްވެސް ފުލުހުން ބުންޏެވެ.
ޔުނީފޯމު ފަހައިދޭނެކަމަށް ބުނެ ގިނަބައެއްގެ އަތުން ފައިސާ ނަގައި ގިނަބަޔަކަށް ލަނޑުދީފައިވާތީ އެބިދޭސީ މީހާ މަސައްކަތް ކުރާ ތަނަށް ދޭތެރެއަކުން މީހުން އެއްވެ ނުރުހުން ފާޅުކުރަމުން ދެއެވެ.
އެ ބިދޭސީ މީހާ ފުލުހުންގެ ވެހިކަލަކަށް އަރުވައިގެން ގެންދާ މަންޒަރު އިއްޔެ ވަނީ މީސްމީޑިޔާގައިވެސް އާންމުވެފައެވެ. އެވީޑިއޯއިން ފެނަން ގޮތުގައި އެމީހާ ގެންގޮސްފައިވަނީ އިއްޔެގެ ވަގުތެއްގައި އެމީހާ މަސައްކަތް ކުރާ ތަނުންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ދެތިން ދުވަސް ކުރިންވެސް އެބިދޭސީ މީހާވަނީ ފުލުހަށް ގެންގޮސް ސުވާލުކޮށްފަ އެވެ. އެރަށުން ވާހަކަ ދެއްކި ބެލެނިވެރިއަކު ބުނީ މާދަމާގެ ނިޔަލަށް ޔުނީފޯމު ނިންމަން އެއްބަސްވެ ނަގާފައިވާ 30 އަށް ވުރެއްގިނަ ޔުނީ ފޯމު އަދިވެސް ނުނިމި ވާކަމަށެވެ.
"ފަހާ ތަންތަނަށް ބާރުބޮޑުވެ ގިނަ ތަންތަނުން މިހާރު ޔުނީފޯމު ފަހަން ނުވެސް ނަގާ، އެކަމު މިމީހާ އަންނަނީ ނިމޭނެ ކަމަށް ބުނެ ނަގަމުން، ބައެއް މީހުން ކައިރީ އެއްބަސްވަނީ ސުކޫލު ހުޅުވުމުން ނިމޭނެކަމަށް، އެތަނުގައި މަސައްކަތް ކުރަނީ އެމީހާ އެކަނި"
އެރަށުން ވާހަކަ ދެއްކި ބެލެނިވެރިއަކު މަޢުލޫމާތު ދިނެވެ.
ފުލުހުން އިތުރަށް ބުނީ މިމައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރު ނުކުރާކަމަށެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
ދިރާސީ އައު އަހަރު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. ސުކޫލު ތަކުގެ ޔުނީފޯމާއި އެހެނިހެން ތަކެތި ހޯދާ އެންމެ ފަހުގެ ތައްޔާރީތައް ވުމުގައި ބެލެނިވެރިން އަންނަނީ އަވަދިނެތި މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!