ގޭތެރޭ ބޭނުންކުރާ ކަރަންޓް ސާމާނަށް ނޮޅިވަރަންފަރުގެ ކަނބަލުން އަހުލުވެރި ކުރުމުގެ ގޮތުން ކުރިއަށް ގެންދާ "ޑޮމެސްޓިކް އެޕްލިއެންސް ސޭފްޓީ ޕްރޮގްރާމް" އެ ރަށުގައި ފަށައިފިއެވެ.

މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އާއި ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިޔަށް ގެންދާ މި ޕްރޮގްރާމް އިއްޔެ ފަށާފައިވާއިރު، މި ޕްރޮގްރާމް ތިން ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

Ad
rt

ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ނަޒްމީނާ އަހްމަދު "ތިލަދުން" އާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގެ މަޤުޞަދަކީ ގޭތެރޭގައި ބޭނުންކުރާ ތަފާތު ކަރަންޓް ސާމާނު ރައްކާތެރިކަމާއިއެކު ބޭނުންކުރަން ދަސްކޮށްދިނުމާއި އެ ތަކެއްޗަށް ދިމާވާ ކުދިކުދި މައްސަލަތައް ހައްލުކުރުމުގެ ޤާބިލުކަން ލިބިފައިވާ ބަޔަކަށް އެ ރަށުގެ ކަނބަލުން ހެދުން ކަމަށެވެ.

ނަޒުމީނާ ވަނީ މިފަދަ ޕްރޮގްރާމެއް ކާމިޔާބުކަމާއިއެކު ހިންގުމަށް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާއި ނޮޅިވަރަންފަރު ކައުންސިލުގެ އިތުރުން ޕްރޮގްރާމްގެ ބައިވެރިން ދެއްވަމުން އަންނަ އެއްބާރުލުމަށް އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

މި ޕްރޮގްރާމް ކުރިއަށް ދަނީ ޖުމްލަ 30 ބައިވެރިންނާއި އެކުގައެވެ.