މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަތައް ރާއްޖޭގައިވެސް އިތުރަށް އަންނަނީ ގޯސްވަމުންކަމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، ޔުނައިޑެޓް ސްޓޭޓްސް އިންޑޯ ޕެސިފިކް ކޮމާންޑާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ގުޅިގެން ބާއްވާ "އިންޑޯ-ޕެސިފިކް އެންވަޔަރަމަންޓް ސެކިޔުރިޓި ފޯރަމް 2022" ފޯރަމް ހުޅުއްވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އިންޑޯ-ޕެސިފިކް އެންވަޔަރަމަންޓް ސެކިއުރިޓީ ފޯރަމަކީ ސަރަޙައްދުގެ ތިމާވެއްޓާ ގުޅުންހުރި ކަންކަމުގެ ތެރެއިން އަންނަ މޫސުމީ ބަދަލުތަކާ ގުޅޭގޮތުން މި ސަރަހައްދުގެ އެންމެ މަތީފެންވަރުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ޓަކައި ޔޫއެސްގެ އިންޑޯ-ޕެސިފިކް ކޮމާންޑުގެ ފަރާތުން އިސްނަގައިގެން އަހަރަކު އެއްފަހަރު މި ސަރަޙައްދުގެ ކޮންމެވެސް އެއް ޤައުމަކުން ހޯސްޓްކުރާ ގޮތަށް ބާއްވަމުންގެންދާ ފޯރަމެކެވެ.
ކުރުނބާ މޯލްޑިވްސްގައި މިއަދު މި ފޯރަމް ހުޅުއްވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކާރިސާތައް އިތުރުވަމުން އަންނަކަން ފާހަގަކުރައްވާފައެވެ. މިގޮތުން އިނގިރޭސިވިލާތައް ކުރިމަތިވެފައިވާ ހޫނުގަދަވުމުގެ މައްސަލަ އާއި އެމެރިކާއަށް ދިމާވަމުން އަންނަ ހޫނުގަދަވުމުގެ މައްސަލައިގެ ސަބަބުން ޖަންގަލިތަކުގައި ރޯވުމުގެ މައްސަލަ އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަތައް ރާއްޖޭގައިވެސް އިތުރަށް އަންނަނީ ގޯސްވަމުންކަމުގައި ވެސް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.
ނައިބު ރައީސް ފައިސަލް ވަނީ، މޫސުމަށް އަންނަ ބަދަލުތަކަކީ، ތަރައްޤީވަމުން އަންނަ ކުދިޤައުމުތަކަށް އެކަނި ކުރިމަތިވެފައިވާ މައްސަލައެއް ނޫންކަމުގައި ވެސް ވިދާޅުވެފައެވެ.
އޮގަސްޓް 1 އިން 4 އަށް ކުރިއަށްގެންދާ މި އަހަރުގެ "އިންޑޯ-ޕެސިފިކް އެންވަޔަރަމަންޓް ސެކިޔުރިޓި ފޯރަމް" ގައި، 21 ޤައުމަކުން ޖުމްލަ 100 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެލައްވައެވެ. އަދި، މި އަހަރުގެ ފޯރަމް ހޯސްޓްކުރާ ޤައުމުގެ ހައިސިއްޔަތުން، ދިވެހިރާއްޖެ ތަމްސީލުކުރާ ތިމާވެއްޓާ ގުޅުންހުރި އިދާރާތަކުން ނޮމިނޭޓްކުރެވިފައިވާ 24 މަންދޫބުން ވެސް މި ފޯރަމްގައި ބައިވެރިވެލައްވައެވެ.
ކޮންމެ އަހަރަކު ބާއްވަމުންދާ މި ފޯރަމް، އެންމެ ފަހުން ދިވެހިރާއްޖޭގައި ބާއްވާފައިވަނީ 2014 ވަނަ އަހަރުއެވެ. ކޯވިޑުގެ ޚާއްޞަ ހާލަތާ ގުޅިގެން ވޭތުވެދިޔަ ދެ އަހަރު މިފޯރަމް ބޭއްވިފައިވަނީ ވަރޗުއަލްކޮށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!