ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ މަންކީޕޮކްސް (މަކުނު ވިދުރި) އަށް ޓެސްޓް ކުރަން ބޭނުންކުރާ 250 ޕީސީއާރް ޓެސްޓް ކިޓް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ހަދިޔާކޮށްފި އެވެ.
މިބައްޔާ ގުޅިގެން މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ޑަބްލިއުއެޗްއޯ އިން ވަނީ އިއުލާންކޮށްފަ އެވެ.
މި ބައްޔަށް ޓެސްޓް ކުރުމަށް ސިއްހަތުޖަމިއްޔާގެ މި އެހީ މިއަދު ރާއްޖެއަށް ފޯރުކޮށްދިންއިރު މިއަދު މިކަމަށްޓަކައި ރާއްޖޭގެ ހެލްތު މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި އެހީއާއި ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމު އެވެ.
ހެލްތު މިނިސްޓްރީން މިއަދު ވިދާޅުވީ، މަންކީޕޮކްސްއަށް ޓެސްޓްކުރުމަށް ބޭނުންވާ 250 ޕީސީއާރު ޓެސްޓް ކިޓް ލިބިފައިވާ ކަމަށެވެ. އަދި އިތުރު ކިޓް ހޯދުމުގެ މަސައްކަތް ސިއްހަތު ޖަމިއްޔާއާ އެކު ކުރަމުން އަންނަ ކަމަށެވެ.
ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އިތުރު ކިޓް ރާއްޖެއަށް ލިބޭނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މަންކީޕޮކްސްއަށް ޓެސްޓް ކުރަން ބޭނުންކުރާ ކިޓްތަކެއް ރާއްޖެއަށް މިއަދު ހަދިޔާ ކުރިއިރު، މަންކީ ޕޮކްސްއަށް ޝައްކު ކުރެވުނު މީހެއް ރާއްޖޭގައި ޓެސްޓްކޮށްފައި ވަނިކޮށެވެ. އެކަމަކު އެ މީހާ ވަނީ ބައްޔަށް ނެގެޓިވްވެފަ އެވެ.
މި ބައްޔަށް ސިއްހީ ހިދުމަތްތެރިން އަހުލުވެރިކުރުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޖްޕީއޭ) އިން މިހާރު ކުރަމުން އަންނައިރު، ދުނިޔޭގައި މިބަލި ފެންނަމުންދާ ހާލަތަށް ބަލާއިރު ރާއްޖެއަށްވެސް މި ބަލި އައުމުގެ ފުރުސަތު އެބައޮތް ކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.
މި ބައްޔަކީ ބަލިޖެހިފައިވާ މީހާއާއެކު ގިނައިރު ކޮންޓެކްޓު ވުމުން ފެތުރޭ ބައްޔަކަށް ވާއިރު، މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ގައިގައި ރިއްސުމާއި، މާ ބޮޑަށް ވަރުބަލިވުމުގެ އިތުރުން ބޮލުގައި ރިއްސުމާއި ކިހިލީގައި ނުވަތަ އުކުޅުވަޅުގައި ގޮށްލުން ފަދަ ކަންކަން ހިމެނެއެވެ. އަދި މި އަލާމާތްތަކަށް ފަހު އެއް ދުވަހާއި ހަތަރު ދުވަހާއި ދެމެދު ހަށިގަނޑު ބިހިތަކެއް ނަގައެވެ. މި ބިހިތައް ފުރަތަމަ ނަގާއިރު ފަތިކޮށް ހުއްޓަސް ފަހުން ފެންފޮޅަށްވެ އޭގެ ފަހުން ފޮޅުތަކުގައި ދޮސްލައި ފޮޅުތައް ފަޅައިގެންގޮސް ފަހުން ކުރަލައެވެ. އަދި ކުރައިގެ ދަށުން އާ ހަންގަނޑެއް އުފެދި ކުރަ ވެއްޓެންދެން ބަލި މީހާގެ ފަރާތުން އެހެން މީހުންގެ ގަޔަށް ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ. މި ބަލި ޖެހުމުން ނަގާ ބިހިތަކަކީ ބައެއް ފަހަރު ފާނަބަސަންދު ޖެހުމުން ނަގާ ބިހިތަކާ އެއްގޮތް ބިހިތަކެކެވެ.
މި ބައްޔަށް ސީދާ ފަރުވާއެއް މިހާތަނަށް ހޯދިފައި ނުވިނަމަވެސް ބަލީގެ އަލާމާތްތަކަށްދޭ ފަރުވާއިން ބަލިން ރަނގަޅުވާ ކަމަށް ސިއްހީ ޚިދުމަތްތެރިން ވިދާޅުފަވެއެވެ.
މަންކީޕޮކްސް ވައިރަސް ފެތުރެމުންދާކަމަށް އެންމެ ފުރަތަމަ ރިޕޯޓްކުރީ އިނގިރޭސި ވިލާތުންނެވެ. އެހެން ނަމަވެސް އިއްޔެއާ ހަމައަށް ބާރަ ޤައުމަކުން 92 ކޭސް ފެނިފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވިދާޅުވެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!