ކުޅުދުއްފުށި ސިޓީގެ ހުޅަނގުފަރާތު ބީޗުގައި ތަރައްގީކުރަމުން އަންނަ ފިނިމައިޒާނަށް ބަޔަކު ގެއްލުންދީފި އެވެ.

ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ކުޅުދުއްފުށި ސިޓީގެ ހުޅަނގުފަރާތު ބީޗް ތަރައްޤީ ކުރުމުގެ ފްރޮޖެކްޓަށް ރޭގެ ވަގުތެއްގައި ބަޔަކު ގެއްލުންދީފައިވާ ކަމަށެވެ.

Ad
rt

މޭޔަރު ވަނީ ކުޅުދުއްފުށީގެ ތަރައްޤީއަށް ހިންގޭ މިފަދަ މަޝްރޫތަކަށް ގިނަ ރައްޔިތުންގެ އެއްބާރުލުން ލިބެމުން އަންނަކަން ފާހަގަކުރަށްވާފައެވެ.

އެހެންނަމަވެސް ބައެއް ނުވިސްނޭ ފަރާތްތަކުން ހިންގާ މިފަދަ ނާތަހުޒީބު ދެރަ އަމަލުތަކުގެ ސަބަބުން ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ހުރަސްއެޅޭކަމީ ހިތާމަކުރާކަމެއް ކަމަށް ވިދާޅުވެފަވެއެވެ.

އެސަރަހައްދަށް ބަޔަކު ގެއްލުން ދީފައި، ފޮޓޯ: މޭޔަރު އާތިފް ފޭސްބުކް

"ތަރައްޤީއަކީ އިންސާނާއަށް ވާގޮތެއް، ތަރައްޤީއަކީ އިންސާނާގެ ވިސްނުމަށް އަންނަ ބަދަލެއް." މޭޔަރު ވިދާޅުވެފަވެއެވެ.

ފާހާނާއާއި، ބީޗްހަޓް، ޝަވަރ، ބެންޗް އަދި އުނދޯލި ހިމެނޭގޮތަށް ކުޅުދުއްފުށި ސިޓީގެ ހުޅަނގު ބީޗްގައި ފިނިމައިޒާނެއް ތަރައްޤީކުރަން ބަޔަކާއި ހަވާލުކުރީ މިއަހަރުގެ މާރިޗް މަހުގެ 23 ވަނަ ދުވަހުއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ގިބްސް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑް އާ އެވެ. މި ފިނިމައިޒާން ތަރައްޤީކުރުމަށް 1,155,584.74 ރުފިޔާ ޚަރަދުވާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެފަވެއެވެ. އަދި މި މަސައްކަތް ހަވާލުކޮށްފައި ވަނީ 97 ދުވަސް ތެރޭގައި ނިންމާގޮތަށެވެ.

ކުޅުދުއްފުށި ސިޓީގެ ހުޅަނގު ބީޗްގައި ފިނިމައިޒާނެއް ތަރައްޤީކުރަން ބަޔާއި ހަވާލުކުރެވުމާއި ގުޅިގެން އެ ސިޓީގެ މޭޔަރު އާތިފް ވިދާޅުވެފައި ވަނީ، ފިނި މައިޒާން ތަރައްގީ ކުރުމަށް ހަވާލުކުރެވުނު ތަނަކީ ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ރައްޔިތުން ހިތްހަމަޖައްސާލަން އާއިލާއާއެކު ނިކުމެ މަޑުކޮށްލައިގެން ތިބޭތަނެއް ކަމަށެވެ. އަދި މިފަދަ މައިޒާނެއް ތަރައްޤީ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދިރިއުޅުމުގެ ހާސްކަން ފިލުވާލަން ނިކުމެ މަޑުކޮށްލާނެ ތަންތަން ރަށުގައި ނެތުންކަމަށް ވިދާޅުވިއެވެ.