ށ. ނަރުދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ނަރުދޫ ކައުންސިލް ފުޓްސަލް މުބާރާތް 2022" ގެ ފައިނަލުން އަމިގޯސްއާއި ލެއިޓް ވުލްފް ޖާގާ ހޯދައިފިއެވެ.

މި މުބާރާތުގެ ސެމީފައިނަލުގެ މެޗުތައް އިއްޔެ ހަވީރު ނަރުދޫ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ސެމީގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ބްލެކް ކޯނާއާއި ލެއިޓް ވުލްފެވެ. މި މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ލެއިޓް ވުލްފެވެ. މި މެޗުގައި އެ ޓީމަށް ލަނޑުތައް ޖަހައިދީފައި ވަނީ މުހައްމަދު އަޒުމޫންއާއި މުހައްމަދު ޖުނައިދެވެ. ޖުނައިދު ވަނީ ތިން ލަނޑުޖަހައި ހެޓްރިކް ހަދާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވިފައި ވަނީ ޖުނައިދެވެ.

Ad
rt

ސެމީގެ ދެވަނަ މެޗުގައި ބައްދަލު ކޮށްފައިވަނީ އަމިގޯސްއާއި ފިއުރިއަސްއެވެ. މި މެޗު އަމިގޯސް ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިން ފިއުރިއަސްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗުގައި ފިއުރިއަސް ޓީމުންޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ނިހާން ތޯހާއެވެ. އަމިގޯސްއަށް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ އަލީ ރަމްޒީ، އަހްމަދު ތަސްމީންގެ އިތުރުން މުހައްމަދު ނާއިޒްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ އަހްމަދު ތަސްމީންއެވެ.

ލެއިޓް ވުލްފްއާއި އަމިގޯސް ބައްދަލުކުރާ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 16:15 ގައި ނަރުދޫ ފުޓްސަލް ދަނޑުގައެވެ.