ހއ. އިހަވަންދޫ ކައުންސިލުން ރައްޔިތު ބައްދަލުވުމަށް ގޮވާލުމުން ވަރަށް ފިނި ތަރުހީބެއް ލިބިއްޖެ އެވެ.

މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ މިމަހުގެ 24 ވަނަ ދުވަހު އިހަވަންދޫ ސްކޫލުގައެވެ. މި ބައްދަލުވުމުގައި އާންމުގެ ތެރެއިން ބައިވެރިވި 4 މީހުންނާއިއެކު ޖުމްލަ ބައިވެރިވެފައި ވަނީ ވިއްސަކަށް މީހުންނެވެ.

Ad
rt

އެރަށުގައި ހިންގަމުން އަންނަ އޮންލައިން ނޫސް "އިހަވަންދޫ.ކޮމް" ގައި ބުނެފައިވަނީ އެ ހަތަރު މީހުންގެ އިތުރުން ބައިވެރިވެފައިވަނީ ކައުންސިލްގެ 16 މުވައްޒަފަކާއި، އަންހެނުން ކޮމިޓީގެ މެންބަރެއް ކަމަށެވެ. އަދި ކައުންސިލުން ރައްޔިތުންނާއި ބައްދަކުރުމަށް ބާއްވާ ޖަލްސާތަކަށް އާންމުކޮށް އެރަށުން ލިބެނީ ވަރަށް ފިނިތަރުހީބެއްކަމަށާއި ނަމަވެސް މިއީ މިހާތަނަށް އެންމެމަދުން އާންމުންގެތެރެއިން މީހުން ބައިވެރިވި މިފަދަ ޖަލްސާކަމަށެވެ.

ލާމަރުކަޒީ ގާނޫނޫނުގެ 110 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކޮންމެ އަހަރެއްގެ ޖުލައިމަސް ނިމުމުގެކުރިން ރައްޔިތުންނާ ބައްދަލުކުރަންޖެހެއެވެ.

ނިސްބަތުން މަދު ބަޔަކާއި އެކު ކުރިއަށްދިޔަ އެޖަލްސާ "އިހަވަންދޫ.ކޮމް" އިން ވަނީ ލައިވްވެސް ކޮށްފަ އެވެ. ރައްޔިތުން ސާފުކުރަން ބޭނުންވާ ކަންކަމައިގުޅޭގޮތުން ކައުންސިލާއި ސުވާލުކުރުމުގެ ފުރުސަތު ދީފައިވެއެވެ. ބައްދަލުވުމުގެ ކުރިން އޮންލައިންކޮށް ސުވާލުހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވެއެވެ.

ފޯމެއް މެދުވެރިކޮށް ސުވާލު ހުށަހެޅޭނެ އިންތާޒާމް ކައުންސިލުން ހަމަޖެއްސިނަމަވެސް، އެ ޖަލްސާގައި ރައްޔިތުން ފޮނުވި ސުވާލުތައް ނުކޮށް، އެކަމަށް ބޮޑުތަނުން ހިޔާނާތްތެރިވެފައިވާކަމަށްބުނެ މީސްމީޑިޔާގައި އެރަށު ޒުވާނަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ރައްޔިތުން ފޮނުވި ސުވާލުތަކުގެ ބަދަލުގައި ޖަލްސާގައި ކޮށްފަވަނީ ޕީޕީއެމް އެކްޓިވިސްޓުންލައްވާ ކައުންސިލުން ކްރެޑިޓްނަގަން ކޮށްފަވާ ސުވާލުތަކެވެ. ކައުންސިލުން ހިންގާ ކޮރަޕްޝަނުގެ އަމަލުތަކާ ރައްޔިތުންނަށްވާ އެކިއެކި ދަތިތަކުގެ ތަކުގެ ވާހަކަ ބަޔާންކޮށް ކައުންސިލާ ކުރިމަތިކުރި އެއްވެސް ސުވާލެއް ނުކޮށް އެސުވާލުތަކަށް ހިޔާނާތްތެރިވުމަކީ ކައުންސިލުން ހިންގާފަވާ ބޮޑު ޖަރީމާއެކެވެ. މިވަރުގެ ބަޔަކު ރައްޔިތުންނަށް ތެދުހަދާނެބާއެވެ."

މުޙައްމަދު އަބްދުލްލަތީފް ކައުންސިލް ރައީސް އާއި ބައެއް މެންބަރުން ޓެގު ކުރައްވާ ކަންބޮޑުވުން ފާޅުކުރަމުން ބުނެފައިވެއެވެ.

މިބައްދަލުވުމުގައި ޗުއްޓީގައި ހުންނެވި މެންބަރެއް ފިޔަވާ ހުރިހާ ކައުންސިލަރުން ވަނީ ބައިވެރިވެފައެވެ. އެކައުންސިލަކީ އިދިކޮޅު ޕީޕީއެމްގެ އަގުލަބިއްޔަތު އޮންނަ ކައުންސިލްއެކެވެ.

ހއ. އަތޮޅުގެ ވެރިކަންކުރާ ދިއްދޫ ނެގުމަށްފަހު ތިލަދުންމަތީ އުތުރުބުރީގެ އެންމެ އާބާދީ ބޮޑު ރަށަކީ އިހަވަންދުއެވެ. އިހަވަންދުއަކީ 61.9ހެކްޓަރުގެ ރަށެކެވެ. ރަށުގެ އާބާދީ 3500ގަ އުޅޭއިރު، 450އެއްހާ ގޭބިސީގަ މީހުން އަންނަނީ ދިރިއުޅެމުންނެވެ. މީގެތެރޭގަ އެރަށަށް ހިޖުރަކޮށް ދިރިއުޅެމުންދާ އާއިލާތައްވެސް ހިމެނެއެވެ.

އިހަވަންދޫއަކީ އުތުރުގައި މަސްވެރިކަމުގެ ސިނާޢަތް އެންމެ ފުޅާކޮށް ކުރަމުން އަންނަ އެއް ރަށެވެ. ރަށުގެ ޒުވާނުންގެ އާބާދީގެ %70މީހުން މަސައްކަތްކުރަނީ އެ ސިނާޢަތުގައެވެ.