ށ. ނަރުދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ "ނަރުދޫ ކައުންސިލް ފުޓްސަލް މުބާރާތް 2022" ގެ ދެވަނަ ދުވަހުގެ މެޗުތައް އަމިގޯސްއާއި ފިއުރިއަސް ކާމިޔާބު ކޮށްފިއެވެ.
އިއްޔެ ހަވީރު ލެއިޓް ވުލްފާއި އަމިގޯސް ބައްދަލުކުރި މެޗު އަމިގޯސްއިން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މި މެޗުގައި އެ ޓީމަށް ލަނޑުތައް ޖަހައިދީފައި ވަނީ މުހައްމަދު ނާއިޒް، އަލީ ރަމްޒީގެ އިތުރުން އަބްދުލް މުހައިމިން މޫސާއެވެ.
އިއްޔެ ކުޅުނު ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފިއުރިއަސްއާއި ދޯކާއެވެ. މި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ފިއުރިއަސްއެވެ. މި މެޗުގައި ފިއުރިއަސްއަށް ލަނޑުތައް ޖަހައިދީފައި ވަނީ ހުސެއިން ފާރިޝްއާއި އަހްމަދު ޝިފާންއެވެ. ދޯކާ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ މުހައްމަދު ޖައުހަރީއެވެ.
މި ދެ މެޗުގައި ވެސް ފެނިގެން ގޮސްފައި ވަނީ ވަރަށް ފޯރިގަދަ ކުޅުމެކެވެ.
މި މުބާރާތުގެ ކުޅުން ދެން އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. އެ ދުވަހު ހަވީރު ބްލެކް ކޯނާއާއި އެފްސީ ދޯކާ ބައްދަލުކުރާއިރު އެ ރޭ ބައްދަލުކުރާނީ ސީނިއާ އެފްސީއާއި ލެއިޓް ވުލްފެވެ.
މި މުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ފިއުރިއަސް، އަމިގޯސް، ބްލެކް ކޯނާ އެފްސީ، އެފްސީ ސީނިއާ، އެފްސީ ދޯކާގެ އިތުރުން ލެއިޓް ވުލްފްއެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމަށް ރާވާފައި ވަނީ ބައިވެރިވި ޓީމްތައް ދެ ގްރޫޕަލަށް ބަހާލުމަށް ފަހު ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ސެމީގެ ޖާގަ ލިބޭ ގޮތަށެވެ. އެއަށްފަހު ސެމީ ފައިނަލް ދެ މެޗުން މޮޅުވާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބޭ ގޮތަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!