ހއ އިހަވަންދޫގައި ބޭއްވި ބީއެމްއެލް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އިހަވަންދޫ ޕޮލިސް ސްޓޭސަންގެ ޓީމުން ހޯދައިފިއެވެ.

އިހަވަންދޫ ކައުންސިލުން އިންތާޒާމުކޮށްގެން ބޭއްވި މި ފުޓްސަލް މުބާރާތުގެ ފައިނަލްގައި ރޭ ބައްދަލުކުރީ އިހަވަންދޫ ޕޮލިސް އަދި ފެނަކަ އިހަވަންދޫ ބްރާންޗެވެ. މި މެޗު އިހަވަންދޫ ޕޮލިސް އިން ކާމިޔާބު ކުރީ 1-3 އިންނެވެ. މިދިޔަ އަހަރުވެސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އިހަވަންދޫ ޕޮލިސް އެވެ.

Ad
rt

މި މުބާރާތުގައި ޖުމްލަ 5 ޓީމަކުން ވަނީ ވާދަކޮށްފައެވެ. އެއީ އިހަވަންދޫ ސްކޫލް، ފެނަކަ އިހަވަންދޫ ބްރާންޗު، އިހަވަންދޫ ޕޮލިސް، އިހަވަންދޫ ކައުންސިލާއި އިހަވަންދޫ އައިސް ޕްލާންޓް ގުޅިގެން އުފައްދާފައިވާ ޓީމު އަދި އިހަވަންދޫ އާމިނާދިޔޯ ސިއްހީ މަރުކަޒާއި ބޭންކް އޮފް މޯލްޑްވިސް އިހަވަންދޫ ބްރާންޗާއި އިހަވަންދޫ މެޖިސްޓްރޭޓް ކޯޓު ގުޅިގެން އުފައްދާފައިވާ ޓީމެވެ.

6 ދުވަހަށް ކުރިޔަށް ދިޔަ މުބާރާތް ފަށާފައިވަނީ އޮކްޓޫބަރ 20 ވަނަ ދުވަހުއެވެ. މި މުބާރާތަކީ އިހަވަންދޫ ކައުންސިލުން ކޮންމެ އަހަރަކުވެސް އިދާރާތަކުގެ ގުޅިން ބަދަހިކުރުމުގެ ނިޔަތުގައި ބާއްވަމުން އަންނަ މުބާރާތެކެވެ.