ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖެއިން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށް، ޢާއިޝަތު ޝާން ޝާކިރު ޢައްޔަނު ކުރަށްވައިފިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް، އަޙްމަދު ޝިޢާން ވެސް ޢައްޔަނު ކުރަށްވާފައެވެ.

Ad
rt

އެ ދެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ދިވެހިރާއްޖެއިން ޖަރުމަނަށް ކަނޑައަޅުއްވާފައިވާ ސަފީރުކަމުގެ މަޤާމަށް މިއަދު ޢައްޔަންކުރެއްވި، ޢާއިޝަތު ޝާން ޝާކިރު، ކުރިން ހުންނެވީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމުގައެެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް މިއަދު ޢައްޔަނުކުރެއްވި، އަޙްމަދު ޝިޢާން ކުރިން ހުންނެވީ، އެމިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓެރީގެ މަޤާމުގައެވެ.