ހަނިމާދޫގައި ރަޖިސްޓަރީކޮށްގެން ހިންގަމުން އަންނަ ކުލަބެއް ކަމަށްވާ ސާއްބަ އެކުވެރި ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ސާއްބަ ވެޓްރަންސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ތާޓީޕްލަސް ޓީމުން ހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލް މެޗު އިއްޔެ ހަވީރު ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ކުޅެފައިވާއިރު، މި މެޗުގައި ބައްދަލު ކޮށްފައި ވަނީ ރޫހް ޓީމާއި ތާޓީޕްލަސްއެވެ. މި މެޗު 8-4 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ތާޓީޕްލަސްއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ތާޓީޕްލަސްގެ އާދަމް އިބްރާހީމެވެ.

Ad
rt

މުބާރާތް ނިމުމުން ވަނީ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ޓްރޮފީއާއި މެޑަލް ހަވާލުކޮށްފައެވެ. މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވިފައިވަނީ ޓީމް ނައިރު ކަންމަތީގެ އަމްޖަދު ޖައުފަރާއި، ރޫހް ޓީމުގެ އަހްމަދު ރިޒްނީ އަދި ހަމަ އެ ޓީމްގެ މުހައްމަދު މޫސާއެވެ. ދެން މޮޅު ހަ ކުޅުންތެރުންގެ ތެރޭގައި ހިމެނިފައި ވަނީ ތާޓީޕްލަސް ޓީމުގެ އާދަމް އިބްރާހީމާއި އަހްމަދު އަޝްރަފުގެ އިތުރުން ހަސަން ޒިޔާދުއެވެ.

މުބާރާތުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށް ހޮވިފައި ވަނީ ތާޓީޕްލަސްގެ އާދަމް އިބްރާހީމެވެ. އޭނާ ވަނީ މުބާރާތުގެ ޖުމްލަ 11 ލަނޑު ޖަހާފައެވެ. މުބާރާތުގެ ރަނަރަޕް ޓީމަކީ ރޫހެވެ.