މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ނައިބު އިދާރީ އަދި މާލީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ.

މިކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް ފުރުސަތު ދިނުމަށް އެމްޑީޕީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިހާރު ހިނގަމުން މިދާ ދައުރުގެ އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިދާރީ އަދި މާލީގެ މަގާމުގެ މުއްދަތު އަންނަ އޮކްޓޯބަރު މަހުގެ 25 ވާ އަންގާރަ ދުވަހަށް ހަމަވާނެ ކަމަށެވެ.

Ad
rt

އެހެން ކަމުން މި މަޤާމު ތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތް ތަކުން އެކަމަށް އެދި ހުށަހަޅަން ޖެހޭ އެންމެހާ ލިޔެކިޔުން ތަކާއެކު އޮންލައިން އެޕްލިކޭޝަން ފުރިހަމަ ކުރުމަށްފަހު މި ހިނގާ ޖުލައި މަހުގެ ފަންސަވީސްވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެކަމަށް އެދި ހުށަހަޅަން ޖެހޭނެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިދާރީ އަދި މާލީ ނައިބުން ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންނަ އޯގަސްޓް މަހުގެ ނަވާރަވާ ހުކުރު ދުވަހު ފެށޭ އެ ޕާޓީގެ ކޮންގްރެސްގައި ކަމަށް ވެސް އެމްޑީޕީގެ އިއުލާނުގައި ބުނެފައި ވެއެވެ.

މި އިންތިޚާބުގައި ވޯޓުލެވޭނީ ކޮންގްރެސްގައި ބައިވެރިވާ ކޮންގްރެސްގެ ބައިވެރިންނަށް އެކަނި ކަމަށްވެސް އެމްޑީޕީން ބުނެއެވެެ.

އެމްޑީޕީ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޚިޔާލު ތަފާތު ވުން ބޮޑުވަމުން އަންނައިރު އަންނަ ކޮންގްރެސް އަށް ނަޝީދު ވަނީ ގިނަ ހުށަހެޅުންތަކެއް ހުށަހަޅަން ނިންމާފައެވެ.

އޭގެ ތެރޭގައި ވެރިކަމަށް އާދެވޭ ގޮތް ބަދަލު ކުރުމާއި ބަރުލަމާނީ ނިޒާމަށް ބަދަލު ކުރަން ފެންނަ ނުފެންނަ ވޯޓަކަށް އަހަން ހުށަހަޅަން ވެސް ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވައެވެ.