ކ. ދިއްފުށީގައި ސާދަ އަހަރުގެ ކުޑަ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ދިއްފުށީގައި ސާދަ އަހަރުގެ ކުޑަ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ތުހުމަތުގައި ގއ. ވިލިނގިލި މީހަކަށް ދިއްފުށީގައި އަނިޔާ ކޮށްފައިވާތީ ދިއްފުއްޓާ ދެކޮޅަށް ގއ. ވިލިނގިލީގައި އެރަށު ބަޔަކު މުޒާހަރާ ކޮށްފައި ވަނިކޮށް ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ދިއްފުށީގައި ސާދަ އަހަރުގެ ކުޑަ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން ތަޙުޤީޤު ކުރަމުން ގެންދާ ކަމަށެވެ.
މީގެއިތުރުން މި މައްސަލައާއި ގުޅުވައިގެން ކ. ދިއްފުށީގައި މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ހިންގި ހަމަނުޖެހުމުގައި ތުހުމަތު ކުރެވޭ މީހާއަށް ބަޔަކު ހަމަލާ ދިން މައްސަލައާއި ދިއްފުށީ ސިއްހީ މަރުކަޒުގެ ތަކެއްޗަށް ގެއްލުންދިން މައްސަލައިގެ އިތުރުން ފުލުހުނަށް ޙަމަލާދީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި މައްސަލަވެސް ފުލުހުން ގެންދަނީ އިތުރަށް ތަޙްޤީޤު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގައި ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައިވާ ގއ ވިލިނގިލީ، މުހައްމަދު ޝިހާމް 35އ އަށް ޙަމަލާ ދިނުމަކީ ވިލިނގިލި ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ޓެރަރިޒަމްގެ ޢަމަލެއް ކަމަށް ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވެސް ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ ޝިހާމް ދިއްފުއްޓަށް ދިޔައީ އޭނާގެ އަންހެނުން އެ ރަށު މީހަކާ ކައިވެނި ކޮށްގެން ލިބިފައިވާ ތިން ކުދިން ގޮވައިގެން، އެ ކުދިންގެ ދައްތަ ދިން ދައުވަތަކަށް ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
ޖިންސީ ގޯނާގެ ތުހުމަތުކޮށް ދިއްފުށީގައި ބަޔަކު ވަނީ ޝިހާމްގެ ގައިގައި ތަޅާ އަނިޔާ ކޮށްފައެވެ. މީގެ އިތުރުން އޭނާއަށް ފަރުވާދިނުމަށް ދިއްފުށީ ސިއްހީ މަރުކަޒަށް ގެންދިޔުމުން، އެއްވެފައި ތިބި މީހުންގެ ތެރެއިން ބަޔަކު މަރުކަޒު ތެރެއަށް ވަދެ ކަރަންޓް ކަނޑާލައި ސިއްހީ މަރުކަޒުގެ ތަކެއްޗަށް ގެއްލުން ދީފައި ވާކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން، އެ ހަމަނުޖެހުން ކޮންޓްރޯލް ކުރަން ހަރަކާތްތެރި ވި ފުލުހުންނަށް ހަމަލާ ދިން ކަމަށާއި އެ މައްސަލަވެސް ބަލަމުން ދާއިރު ދިއްފުށިން ބާވީސް އަހަރުގެ މީހަކު ހައްޔަރުވެ ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އެ ހަމަނުޖެހުން ކޮންޓްރޯލް ކުރަން ފުލުހުން ފުރަތަމަ މަސައްކަތް ކުރީ ސިއްހީ މަރުކަޒު ކައިރިއަށް އެއްވެފައި ތިބި މީހުންނާ ވާހަކަ ދައްކައިގެން ކަމަށެވެ.
އެހެންނަމަވެސް އެއްވެ ތިބި މީހުންގެ ތެރެއިން ބަޔަކު ތަކުރާރުކޮށް ފުލުހުންނަށް ހަމަލާދީ ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ސިއްހީ މަރުކަޒުތެރެއަށް ވަދެގަނެ، އެތަނުގެ ތަކެއްޗަށް ގެއްލުން ދިނުމުގެ އިތުރުން، ޖިންސީ ގޯނާގެ ތުހުމަތު ވާ މީހާއަށްވެސް ހަމަލާ ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހަމަނުޖެހުން ކޮންޓްރޯލް ކުރީ މާލެއިން ފުލުހުންގެ ޚާއްޞަ ފައުޖެއް ގޮސްގެން ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މިފަދަ މައްސަލަތަކާ ގުޅިގެން އެއްވެސް މީހަކު ނުވަތަ ބަޔަކު އަމިއްލައަށް ކަންތައްތަކެއް ކުރުމުގެ ބަދަލުގައި ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގެ ގާނޫނީ ޒިންމާ އޮންނަ މުއްސަސާތަކަށް އަންގައިގެން އޮންނަ އުސޫލުން ކުރިޔަށް ގެންދިޔުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!