އިންސާނުންނަށް ނުރައްކާތެރި މިންވަރަކަށް ކެމިކަލް އެކުލެވޭ މޭބިސްކަދުރު ތަކެއް ރާއްޖޭގައި ވިއްކުން މަނާ ކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހުންނަންވީ މިންވަރަށްވުރެ އިތުރަށް "ޕެސްޓިސައިޑް ހުރި، އިންސާނުންނަށް ނުރައްކާތެރި މިންވަރަކަށް ކެމިކަލް އެކުލެވޭ މޭބިސްކަދުރު ތަކެއް ރާއްޖެއަށް އެތެރެ ކޮށްފައިވާ ކަމަށާއި އެތަކެތި ނުވިއްކުމަށާއި ބޭނުންނުކުރަމަށް އަންގާ ކަމަށެވެ.
މި އުފެއްދުން އެކްޕޯޓް ކޮށްފައިވަނީ އިންޑިޔާގެ ޔޫރޯ ފްރުޓްސް ޕްރައިވެޓް ލިމިޓެޑުން ކަމަށްވެސް އެ އޮތޯރިޓިން ބުނެއެވެ. އަދި މި އުފެއްދުން ހޯލްސޭލް ކޮށްފައިވަނީ ނެދަރލެންޑްސްގެ ކުންފުންޏެއް ކަމަށްވާ 'ގްލޯބަލް ގްރީން ޓީމް' އިންނެވެ.
އެމްއެފްޑީއޭ ބުނީ، އިންޑިއާގެ ޔޫރޯ ފްރުޓްސް ބްރޭންޑްގެ "ތޮމްސަން ސީޑްލެސް ގްރޭފްސް" ރާއްޖެ އަށް އެތެރެ ކޮށްފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް އިން ލިބިފައިވާ ކަމަށެވެ.
ފުޑް އެނޑް ޑްރަގް އޮތޯރިޓީން ބުނީ، މި އެލާޓާއި ގުޅިގެން މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ނުރައްކަލުގެ މިންވަރު ދެނެގަތުމުގެ މަސަތްކަތް ކުރަމުން ގެންދާ ކަމަށެވެ.
އެހެން ކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ބްރޭންޑްގެ "ތޮމްސަން ސީޑްލެސް ގްރޭފްސް" ގެ ތިން ލޮޓް ނަމްބަރެއްގައި ހިމެނޭ މޭބިސްކަދުރު ނުވިއްކުމަށާއި ބޭނުން ނުކުރުމަށް ފުޑް އެނޑް ޑްރަގް އޮތޯރިޓީން ވަނީ އަންގާފައެވެ.
އެ ލޮޓް ނަންބަރަކީ: ލޮޓް ނަންބަރު L-21.099 0001 05 GGN:4049929236608, 4056186631107
މިކަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ބޭނުންވާނަމަ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ނަންބަރު 3014304 ފޯނަށް ގުޅުއްވުމަށް އެ އެތޯރިޓީން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!