ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، ރާއްޖޭގެ އުތުރުގެ އަތޮޅު ތަކަށް ރީނދޫ ސަމާލު އަދި ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާއިބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ، ހއ. އިން ފެށީގެން ވ. އަތޮޅަށެވެ. މިސަރަހައްދުތަކަށް ސަމާލު ނެރެފައިވަނީ، މިއަދު ހަވީރު 16:35 އިން މިރޭ 20:45 އަށެވެ. މި ވަގުތުގައި މިސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެއިދާރާއިން ބުނެ އެވެ.
ހުދު ސަމާލު ނެރެފައިވަނީ މ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ އަތޮޅުތަކަށެވެ. މިސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެއިދާރާއިން ބުނެ އެވެ.
Alert yellow in effect, all are advised to be cautious for adverse weather. pic.twitter.com/z2RBvsqnA6
— Maldives Meteorology (@MetMaldives) July 17, 2022
މީގެއިތުރުން މެޓް އޮފީހުން ބުނީ، މިއަދާއި މާދަމާވެސް ރާއްޖޭގެ ބޮޑު ބަޔަކށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ. އަދި ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ، ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
ރާއްޖޭގެ ކަނޑުތަކަށް ބަލާލާއިރު، އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ، 3 ފޫޓާއި، 5 ފޫޓާއި ދެމެދުގައި ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުންވަނީ އިލްތިމާސްކޮށްފައެވެ.
Alert white for heavy rain and thunderstorms extended over parts of central atolls and southern atolls. pic.twitter.com/inCgS3AxO4
— Maldives Meteorology (@MetMaldives) July 17, 2022
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް!
ކަނޑުދަތުރުކުރައްވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް ރޭވުމަށާއި ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި އަދި އުޅަނދުގައި ލައިފްޖެކެޓާއި މުޢާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމާއި، ޚާއްޞަކޮށް ކުދި އަދި ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު، އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް އެދެއެވެ.
މުދާ އުފުލާ އުޅަނދުފަހަރުތަކުން ވެސް މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް އަމަލު ކުރުމާއި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށާއި ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަ ހިއްކުމަށް ސަމާލުކަން ދިނުން މުހިންމެވެ.
ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވާށެވެ.
މޫސުމާ ގުޅިގެން ނެރޭ އެލާޓްތައް:
ހުދު ސަމާލު:
މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. އެގޮތުން 1 ގަޑިއިރު ތެރޭ 05 މިލިމީޓަރު ނުވަތަ 6 ގަޑިއިރުތެރޭ 05 މިލިމީޓަރު ވާރޭވެހުން އެކަށީގެން ވެއެވެ. ފާއިތުވި 3 ގަޑިއިރު 19-12 މޭލަށް ނުވަތަ ފާއިތުވި 1 ގަޑއިރު 11-17 މޭލަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވޭނަމަ މި އެލާޓް ނެރޭނެ އެވެ. ވިލާގަނޑުގައި 50 މޭލަށް ވައިގަދަވުން އެކަށީގެން ވެއެވެ.
ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.
ރީނދޫ ސަމާލު:
މި އެލާޓްގެ މުއްދަތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވާނެއެވެ. ވިދާ ގުގުރާ ބޯކޮށް ވާރޭވެހޭނެއެވެ.
1 ގަޑިއިރު ތެރޭ 70 މިލިމީޓަރު ނުވަތަ 6 ގަޑިއިރުތެރޭ 100 މިލިމީޓަރ ގެ ވާރޭ ވެހުން އެކަށީގެން ވެއެވެ. އާދަޔާހިލާފަށް ގުގުރުން ނުވަތަ މިފަދަ ގޮތަކަށް ގުގުރާފާނެ ކަމަށް އަދި ފާއިތުވި 3 ގަޑިއިރު 28-35 މޭލަށް ނުވަތަ ފާއިތުވި 1 ގަޑއިރު 30-25 މޭލަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުން މި އެލާޓް ނެރެއެވެ. ވިލާގަނޑުގައި ވައިގަދަވެ 55 މޭލަށް ވައިބާރުވެދާނެއެވެ. އުދަބާނި އަދި އުދަ އެރުން އެކަށީގެން ވެއެވެ.
މި އެލާޓްގެ މުއްދަތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން ޖެހޭނެއެވެ. އުދައެރުންފަދަ ކަންތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. މަދުވެގެން 5 ރަށަކުން ރިޕޯޓް ކުރުން ނުވަތަ އެވަރު ސަރަހައްދަކަށް އުދަ އަރާނެކަމަށް ލަފާކުރެވުމުން މި އެލާޓް ނެރެއެެވެ.
މި އެލާޓް ނެރުމާއެކު ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި، ހިކިފަސް ތަންތަނުގައި ތިބޭ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.
އޮރެންޖު އިންޒާރު:
މި އެލާޓްގެ މުއްދަތުގައި 1 ގަޑިއިރު ތެރޭ 90 މިލިމީޓަރު ނުވަތަ 6 ގަޑިއިރު ތެރޭ 120 މިލިމީޓަރުގެ ވާރޭވެހި ފެންބޮޑުވުން އެކަށީގެން ވެއެވެ. މި އެލާޓް ނެރެނީ ފާއިތުވި 3 ގަޑިއިރު 34-40 މޭލަށް ނުވަތަ ފާއިތުވި 1 ގަޑިއިރު 36-42 މޭލަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުމުންނެވެ. ވިލާގަނޑުގައި 63 މޭލަށް ވައިގަދަވުން އެކަށީގެން ވެއެވެ.
ބާރުގަދަ ކޮޅިގަނޑުތައް އެރުމަކީ އެކަށީގެންވާކަމެކެވެ. ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތައް ކުރިމަތިވާ މިންވަރަށް ކަނޑުގަދަވާނެއެވެ. އާދަޔާ ޚިލާފަށް ވައިގަދަވެ، ވިދާ ގުގުރައި، ބޯކޮށް ވާރޭވެހޭނެއެވެ. އުދަ އަރާކަމަށް މަދުވެގެން 10 ރަށަކުން ރިޕޯޓް ކުރުން ނުވަތަ އެވަރު ސަރަހައްދަކަށް އުދަ އަރާނެކަމަށް ލަފާކުރެވުން މިއެލާޓް ނެރޭނެ އެވެ.
ކަނޑު ދަތުރުފަތުރު ކުރުމަކީ މި އެލާޓްގެ މުއްދަތުގައި ކޮށްގެންވާނެކަމެއް ނޫނެވެ. ކޮޅިގަނޑެއްގެ ސަބަބުން ނުރައްކާތެރި ޙާދިސާއެއް ހިނގައިފާނެފަދަ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަށް ދިޔުމަކީ މުހިއްމުކަމެކެވެ. މި އެލާޓް ނެރުމާއެކު ކަމާ ބެހޭ ފަރާތްތަކުން އަބަދުވެސް ތިއްބަވާނީ ދިމާވެދާނެ ޙާދިސާއަކުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.
ރަތް އިންޒާރު:
މި އެލާޓްގެ މުއްދަތުގައި ބާރުގަދަ ކޮޅިގަނޑުތައް އެރުމަކީ އެކަށީގެންވާކަމެކެވެ. ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތައް ކުރިމަތިވާ މިންވަރަށް ކަނޑުގަދަވާނެއެވެ. އާދަޔާ ޚިލާފަށް ވައިގަދަވެ، ވިދާ ގުގުރައި، ބޯކޮށް ވާރޭވެހޭނެއެވެ.
މި އެލާޓްގެ މުއްދަތުގައި 6 ގަޑިއިރު ތެރޭ 180 މިލިމީޓަރުގެ ވާރޭވެހި ފެންބޮޑުވުން އެކަށީގެން ވެއެވެ. މި އެލާޓް ނެރެނީ ފާއިތުވި 3 ގަޑިއިރު 40 މޭލަށް ވުރެ ބާރަށް ނުވަތަ ފާއިތުވި 1 ގަޑިއިރު 42 މޭލަށް ވުރެ ބާރަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުމުންނެވެ. ވިލާގަނޑުގައި 70 މޭލަށް ވައިގަދަވުން އެކަށީގެން ވެއެވެ. އުދަ އަރާ ބޮޑެތި ގެއްލުން ތަކާއެކު ރިޕޯޓް ކުރުން ނުވަތަ އެހާލަތު ލަފާކުރެވުމުންވެސް މި އެލާޓް ނެރޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!