ޝަހުވަތްތެރި ނަންތަކެއް ދީގެން ބުއިންތަކެއް ވިއްކި މައްސަލާގައި ރެހެންދި ސްކޫލުން މަޢާފަށް އެދިއްޖެއެވެ.
ހުޅުމާލޭ ރެހެންދި ސްކޫލްގެ ޕީޓީއޭއިން ބޭއްވި "ރެހެންދި ސޭލް" ގައި ޝަހުވަތްތެރި ނަންތަކެއް ދީފައި ހުރި މެނޫއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެ ސްކޫލުން ބުނީ، ސޭލްގައި ވިއްކި ބުއިންތަކަކަށް އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ނަން ދީފައި ވަނީ އެ ސްކޫލަށް އެނގިގެން ނޫން ކަމަށެވެ.
އެހެން ކަމުން ރެހެންދި ސްކޫލުން ވަނީ އެކަމަށް މައާފަށް އެދިފައެވެ.
ތައުލީމީ މުވައްސަސާ އަކުން މިފަދަ ޢަމަލެއް ހިންގާފައި ވާތީ ކަމަށްބުނެ މި މައްސަލައިގައި ރެހެންދި ސްކޫލަށް މީސްމީޑިޔާގައި ފާޑުކިޔަމުން ގެންދާތީ އެ ސްކޫލުން ބުނީ، ސޭލްގެ ގަވައިދުގައި ވާގޮތުން، ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފު ތަކެތި ވިއްކުމާއި، ބޭއަދަބީ އިބާރާތްތައް އިޝްތިހާރު ތަކުގައި ބޭނުން ނުކުރުމަށް ސޭލްގެ ބައިވެރިންނަށް އަންގާފައިވާނެ ކަމަށެވެ.
އެހެންކަމުން، އެފަދަ ބޯޑެއް ބެހެއްޓި މައްސަލަ ކުށްވެރިކުރާ ކަމަށް ވެސް ރެޚެންދި ސްކޫލުން ވަނީ ބުނެފައެވެ.
ފަހަކަށް އައިސް ތަޢުލީމީ މުވައްސަސާ ތަކުގެ ތެރެއިން ރިޕޯޓު ކުރެވޭ އަޚުލާޤީ މައްސަލަތައް އިތުރުވަމުން އަންނަކަން ފާހަގަ ކުރެވެއެވެ.
އެގޮތުން ފާއިތުވެ ދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ޖިންސީ މައްސަލަ ތަކުގައި ތިން ޓީޗަރަކަށް ފިޔަވަޅު އަޅާފައި ވާކަން މީޑިއާ ތަކުގައި ހާމަކޮށްފައިވެއެވެ.
އޭގެތެރެއިން އެއް ޓީޗަރަކު ރާއްޖޭން ބޭރަށް ގޮސް ފިލާފައި ވާއިރު އޭނާ ހޯދުމަށް މިހާރު ވަނީ އިންޓަރޕޯލްގެ ރެޑްނޯޓިސްވެސް ނެރެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!