ކްރިމިނަލް ކޯޓުގެ ޤާޟީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.
މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 13:00ގެ ނިޔަލަށެވެ.
ކްރިމިނަލް ކޯޓަށް ޤާޟީއެއް ހޯދަން ޖޭއެސްސީން ޢިއުލާން ކުރީ އެ ކޯޓުގެ ޤާޟީ ދީބާނާޒް ފަހުމީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން އެ ކޮމިޝަނުން ނިންމާފައިވާތީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން މަގާމެއް އަންނަ މަހު ހުސްވާނެތީއެވެ. އޭނާ ހައިކޯޓުގެ ފަނޑިޔާރަކަށް އައްޔަނު ކުރަން ނިންމާފައި ވަނީ އަންނަ މަހުގެ 9 ވަނަ ދުވަހުއެވެ.
ކްރިމިނަލް ކޯޓުގެ ޤާޟީ އަކަށް ލިބޭ މުސާރައާއި އިނާޔަތްތައް
- އަސާސީ މުސާރަ (މަހަކު): 30,000.00 ރުފިޔާ
- ލިވިންގ އެލަވަންސް (މަހަކު): 15,000.00 ރުފިޔާ
- ރިސްކް އެލަވަންސް (މަހަކު): 3,300.00 ރުފިޔާ
- މެޑިކަލް އިންޝުއަރެންސް: ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ލިބިދެވޭ.
- ފޯނު އެލަވަންސް: ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިދެވޭނެ.
ކްރިމިނަލް ކޯޓުގައި މިވަގުތު ތިއްބަވަނީ 10 ޤާޟީންނެވެ.
ކްރިމިނަލް ކޯޓަށް ޤާޟީއެއް ހޯދުމަށް އިއުލާންކޮށްފައިވާއިރު، އެ ކޯޓުގައި ނުނިމި ގިނަ މައްސަލަތަކެއް ހުރުމުން އެ މައްސަލަތައް ނިންމުމުގެ މަސައްކަތްތަކެއް ވެސް މިހާރު ވަނީ ފަށާފައެވެ. މިގޮތުން އެ ކޯޓުގައި ނުނިމި ހުރި މައްސަލަތައް ނިންމަން އިތުރު ގަޑީގައި މަސައްކަތް ކުރައްވާ ގާޟީންނަށް އިތުރު އެލަވަންސެއް ދިނުމަށް ވެސް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!