އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ހޮލީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ބައްދަލު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި މިއީ ސަފީރު ޑޭވިޑް ހޮލީ ނައިބު ރައީސް ފައިސަލްގެ އަރިހަށް ކުރެއްވި ވަދާޢީ ޒިޔާރަތެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

Ad
rt

މި ބައްދަލުކޮށްލެއްވުމުގައި ނައިބު ރައީސް ފައިސަލް ވަނީ ސަފީރު ޑޭވިޑް ހޮލީގެ ދަޢުރުގައި ދެއްވި އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި އޮސްޓްރޭލިޔާއަކީ ވަރަށް ކުރިންސުރެ ރާއްޖެއާ ގާތްގުޅުމެއް އޮންނަ އެކުވެރި ޤައުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަކިން ޚާއްޞަކޮށް ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ދެއްވި އެހީތެރިކަމާއި އަދި ޚާއްޞަކޮށް ސަފީރުގެ ފަރާތުން މެދުކެނޑުމެއްނެތި ލިބިވަޑައިގެންނެވި އެއްބާރުލެއްވުމާއި އެހީތެރިކަން ވެސް ނައިބު ރައީސް ވަނީ ފާހަގަ ކުރަށްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އެ ދެ ބޭފުޅުން ވަނީ ދެޤައުމުގެ މެދުގައި އެއްބާރުލުން ދެމުން އަންނަ ބައެއް ދާއިރާތައްކަމުގައިވާ، މަތީ ތަޢުލީމުގެ ދާއިރާއާއި މީހުން ބިނާކުރުމުގެ ދާއިރާއާއި ދިފާއީ އަދި ސަލާމަތީ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާއާއި އަދި މީގެ އިތުރުން ބައިނަލްއަޤްވާމީ ގުޅުންތަކާގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މީގެ އިތުރުން މޫސުމީ ބަދަލުތަކާ ގުޅޭގޮތުންނާއި އިންޑިޔާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭގޮތުންނާއި ޑްރަގް ރިހެބިލިޓޭޝަންފަދަ ދެ ޤައުމުން އިސްކަންދޭ މުހިންމު ބައެއް ދާއިރާތަކުން މުސްތަޤުބަލުގައި ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.