ފާޙިޝް ވީޑިއޯތަކުން ފެންނަ މީހުންނަށް ފިޔަވަޅު ނާޅާ ނޭޅި މުޖުތަމަޢަށް ދޫކޮށްލުން މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސްް (އެމްޑީއޭ) އިން ކުށްވެރި ކޮށްފިއެވެ.
އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ ތަކެއް މީސްމީޑިޔާގައި ޢާއްމު ވެފައި ވަނިކޮށް، އެމްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީއެއް ޖިންސުން ގުޅުން ހިންގާ މަންޒަރުތަކެއް ފެންނަ ވީޑިއޯތަކުން ފާހަގަވާ މީހުންނާ މެދު އެއްވެސް ފިޔަވަޅެއް ނޭޅި މުޖުތަމަޢަށް އެމީހުން ދޫވެފައި ތިބި ތިބުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އެމްޑީއޭއިން ބުނީ ލިވާތުގެ އަމަލުތަކަކީ މުޖުތަމައުއަށް އިންތިހާއަށް އަސަރުކުރާނެ ކަމެއް ކަމަށާއި އަދި ވޭތުވެދިޔަ އުއްމަތަކަށް ﷲގެ ކޯފާ ބާވައިލައްވައި އުއްމަތެއް ހަލާކުވާން މެދުވެރިވީ ލިވާތުގެ ސަބަބުން ކަމަށެވެ.
އެހެންކަމުން ދިވެހިންގެ މައްޗަށް އާންމު ވެގެންވާ ކޯފާއެއް އައުމުގެ ކުރިން މިފަދަ ޖަރީމާތައް ހުއްޓުވުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަށް އެމްޑީއޭއިން ވަނީ ގޮވާލާފައެވެ.
މީގެއިތުރުން މި މައްސަލައިގައި ޝާމިލުވާ ހުރިހާ ފަރާތްތަކެއް މުޖުތަމަޢުން އެކަހެރިކޮށް ގާނޫނާއި ޤަވާޢިދުގެ ތެރޭގައި ދެވެން އޮންނަ އެންމެ ހަރުކަށި އަދަބު ދިނުމަށް އެމްޑީއޭއިން ވަނީ ދައުލަތުގެ އިދާރާތަކަށް ގޮވާލާފައެވެ.
އެމްޑީއޭގެ އިތުރުން އިދިކޮޅު ޕީޕީއެމާއި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީ ތަކުން ވެސް ދަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!