ފޭކް ތައިރޮއިޑް ބޭސްތަކެއް ދައުރު ކުރަމުންދާތީ ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.
މިކަމާ ގުޅޭ ގޮތުން އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ތައިރޮއިޑް ބައްޔަށް ފަރުވާ ހޯދަން ބޭނުންކުރާ ބޭހެއްގެ ފޭކް ބޭސްތަކެއް ފެނިފައިވާ ކަމަށް އިންޑިއާއިން ރިޕޯޓްކުރުމާ ގުޅިގެން، ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އެގޮތުން އިންޑިއާގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ޖެނެޓިކްސް އެލްއެލްޓީ ކުންފުނިން ތައިރޮއިޑް ބައްޔަށް ފަރުވާ ހޯދަން ބޭނުންކުރާ ބޭހެއް ކަމަށްވާ "ތައިރޮނޯމް 100 އެމްސީޖީ"ގެ ފޭކް ބޭސްތަކެއް ފެނިފައިވާ ކަމަށް، އިންޑިއާގެ ތެލަންގަނާ ޑްރަގްސް ކޮންޓްރޯލް އެޑްމިނިސްޓްރޭޝަނުން އަންގާފައިވާތީ އެ ބޭހުގެ ފޭކް ބެޗުގެ ތަފްސީލް ހާމަކުރުމަށް ފަހު، އެ ބެޗުތައް ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުން މަނާ ކަމަށް، އެމްއެފްޑީއޭ އިން ބުންޏެވެ.
މީގެއިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެ ބޭހުގެ ސާމްޕަލްތައް ޗެކްކުރަމުން ދާ ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ.
— MFDA (@MFDA_mv) July 5, 2022
އެ ބާވަތުގެ ބޭސްތައް އެތެރެކުރޭތޯ ބަލަމުން ދާނެ ކަމަށާއި އެ ބޭހާ ބެހޭ މައުލޫމާތު ލިބިފައިވާ ފަރާތްތަކުން ލަސްނުކޮށް އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް އެމްއެފްޑީއޭ އިން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!