ހދ.ނެއްލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އިން އެ ރަށުގައި ކުރިއަށް ގެންދިޔަ ކައްކަން ދަސްކޮށްދޭ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.

މި ކޯހަކީ ނެއްލައިދޫ ޑަބްލިއުޑީސީއާއި އަފްގާން ކުކްބުކްއާއި ގުޅިގެން 23 ޖޫން 2022 އިން 29 ޖޫން 2022 ގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާ ކޯހެކެވެ.

Ad
rt

ނެއްލައިދޫ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ރަޝީދު "ތިލަދުން" އަށް ވިދާޅުވީ، ޖުމްލަ 25 ބައިވެރިން މި ކޯސް ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި މި ކޯހަކީ އެ ރަށުގެ ހުނަރުވެރި ކަނބަލުންނަށް އެ ކަނބަލުންގެ ކެއްކުމުގެ ހުނަރު އިތުރަށް ކުރިއަރުވަން ލިބުނު ފަހި ފުރުސަތެއްކަން އޭނާ ވަނީ ފާހަގަ ކުރަށްވާފައެވެ. އަދި ވަރަށް އެކުވެރި މާހައުލެއްގައި ކުރިއަށް ގެންދެވުނު މި ކޯހަށް އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް އޭނާ ވަނީ ޝުކުރު އަދާކުރަށްވާފައެވެ.

މި ކޯހުގައި ތަފާތު އެކި ޤައުމުތަކުގެ ރަހަ ތަކާއެކު ކައްކާނެ ގޮތް ބައިވެރިންނަށް ދަސްކޮށްދީފައިވާއިރު، މި ކޯހުގައި ކައްކަން ދަސްކޮށްދީފައިވާ ތަކެތީގެ ތެރޭގައި ޗިކަން ބިރިޔާނި، ޗިކަން ޓަޖީން، ސްޕެގެޓީ އަލްފްރޭޑޯ، ޝަވަރުމާ، ބަޓާރ ޗިކަން، ޑްރެގަން ރައީސް، ޓާޓް، މޫސް، ޗީޒްކޭކް، ފްލާލެސް ކޭކް ފަދަތަކެތި ހިމެނެއެވެ.

ކޯސް ނިންމުމުގެ ގޮތުން ކޯހުގެ ބައިވެރިން ގްރޫޕްތަކަކަށް ބަހާލުމަށް ފަހު ކޯހުގައި ދަސްކޮށްދިން ޑިސްތަކާއި އަދިވެސް އިތުރު ބާވަތްތަކުގެ ކާބޯތަކެތި ހިމަނައިގެން މައުރަޒެއް ވަނީ ބާއްވާފައެވެ.

ނެއްލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީން އަންނަނީ މި ނޫސްވެސް ތަފާތު އެކި ހަރަކާތްތައް ހިންގައި، ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ޚާއްޞަ އެކި ދުވަސްތައް ފާހަގަ ކުރުމުގައި ވެސް ބައިވެރިވުން ދެމުންނެވެ.