ނ. ތޮޅެންދޫ ކުއްޔަށް ދިނުން މަޑުޖައްސާލަން ނެރެފައިވާ އަމުރު ހައި ކޯޓުން ވެސް ދަމަހައްޓައިފި އެވެ.
ތޮޅެންދޫ ސަރުކާރުން އަމިއްލަ ބަޔަކަށް 21 އަހަރަށް ކުއްޔަށް ދޭން އުޅޭތީ އެކަމާ ދެކޮޅަށް ކޯޓަށް ދިޔައީ ނ. އަތޮޅު ކައުންސިލުންނެވެ. އަދި އެ މައްސަލަ ނިމެންދެން، ތޮޅެންދޫ ކުއްޔަށް ދިނުން މަޑުޖައްސާލަން ސިިވިލް ކޯޓުން މިދިޔަ މާޗް މަހު އަމުރެއް ނެރުނެވެ.
އެ އަމުރު ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީ އެ މައްސަލަ ނުނިމެނީސް ތިން ވަނަ ފަރާތަކަށް އެރަށް ކުއްޔަށް ދީފައި ވަނިކޮށް މައްސަލަ ނިމޭ ގޮތަކުން އެހެން ފަރާތަކަށް ގެއްލުންތައް ލިބިދާނެ ކަމަށެވެ.
އެހެންވުމުން މައްސަލަ ނިމެންދެން، ތޮޅެންދޫ ކުއްޔަށް ދިނުން މަޑުޖައްސަން އެންގުމަކީ ތިން ވަނަ ފަރާތެއްގެ ހައްގު އުފަންވެގެން ލިބިދާނެ ގެއްލުން ކުޑަކުރަން އެޅިދާނެ ފިޔަވަޅެއް ކަމަށް ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައިވެ އެވެ. އަދި ސިވިލް ކޯޓުގެ އަމުރަށް ތާއީދުކުރި އެވެ.
އެހެން ނަމަވެސް ރައުޔު ތަފާތުވި ތިން ވަނަ ފަނޑިޔާރުގެ ރައުޔަކީ އަމުރު ނެރެންޖެހޭ ސަބަބެއް ނ. އަތޮޅު ކައުންސިލަށް ނުދެއްކޭ ކަމަށެވެ.
ތޮޅެންދޫ ކުއްޔަށް ދިނުމާ ދެކޮޅަށް އަތޮޅު ކައުންސިލުން ކުރިން ގަރާރެއް ވެސް ފާސްކުރި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!