ކަނޑުދަތުރުކުރާ ހއ.ހޯރަފުށީ އުޅަނދުފަހަރުގެ މަޢުލޫމާތު ދަތުރު ފެށުމުގެ ކުރިން ހިއްސާކޮށްދިނުމަށް ހޯރަފުށީ ކައުންސިލުން އެދިއްޖެއެވެ.

މިދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ތިންދުވަހު ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާއިބެހޭ އިދާރާއިން ވިދާޅުވެފައިވާތީ، މިއަދު ހޯރަފުށީ ކައުންސިލުން މިކަމަށް ސަމާލުވުމަށް އެދި ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ކަނޑުދަތުރު ކުރައްވާއިރު، އޮޑިވެރިންނާއި ކެޕްޓަނުން އަދި ފަޅުވެރިނނާއި ދަތުރުގައި ބައިވެރިވާ އެންމެހާ ފަރާތްތައް ދަތުރު ކުރައްވާއިރު ސަލާމަތީ އާލާތްތައް ހަމަ ރައްކާތެރި އުޅަނދެއްގައި ދަތުރު ކުރެއްވުމަށް އިލްތިމާސް ކުރައްވާކަމަށެވެ.

Ad
rt

ސްކޫލުގެ ބޮޑު ޗުއްޓީއާއި އީދު ބަންދުގައި ގިނަބަޔަކު ޕިކްނިކް ދަތުރުތައް ކުރާއިރު، ދަތުރު ކުރުމުގެ ކުރިން ހޯރަފުށީ ކައުންސިލް ވައިބަރ ނަމްބަރު 7851565 އަށް ދަތުރުދާ ރަށާއި، ދުވަހާއި އަދި ދަތުރުދާ މީހުންގެ އަދަދު އަންގަވައި ދެއްވުމަށާއި، ފަރުމަހުގެ މަސްވެރިކަމަށް ދަތުރުކުރާއިރު، ދަތުރުކުރާ އުޅަނދާއި ދަތުރުކުރާ މީހުންގެ އަދަދު އެ ކައުންސިލަށް އަންގަވައި ދެއްވުމަށް ވެސް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

މީގެ އިތުރުން އެ ކައުންސިލުން ވިދާޅުވެފައި ވަނީ އެ ރަށުގެ ކަނޑު ދަތުރުކުރާ ހުރިހާ އުޅަނދުފަހަރެއްގެ ސަލާމަތީ އާލާތްތައް ފުރިހަމައަށް ހުރިތޯ ޗެކްކުރުމުގެ މަސައްކަތް ހޯރަފުށީ ކައުންސިލާއި ހޯރަފުށީ ޕޮލިސްޓޭޝަން ގުޅިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.

ކަނޑުދަތުރުތަކާއި ޕިކްނިކް ދަތުރުތަކުގައި އަދި މޫދަށް ގޮސް އުޅުމުގައި އެއްވެސް ހާދިސާއެއް ދިމާވެއްޖެނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމަބަރު 191 އަށް ގުޅުއްވުމަށާއި ނުވަތަ ހޯރަފުށީ ޕޮލިސްޓޭޝަން ނަމްބަރު 9792707 އަށް ގުޅުއްވައި ސައްހަ މަޢުލޫމާތު ދެއްވުން ވެސް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.