ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މޫސުން ގޯސްވުމާ ގުޅިގެން މިރޭ ކަނޑުމަތީގެ 8 ހާދިސާއެއްގެ ހިނގައިފި އެވެ.
މިހާދިސާތަކުގެ މަޢުލޫމާތު ދެމުން އެމްއެންޑީއެފް އިން ބުނީ މިހާދިސާތަކުގެ ތެރޭގައި ލޯންޗަކާއި ދޯންޏެއް ބަންޑުންޖަހާލާ "މަހާޖައްރާފާ" ގެ ނަގިލި ކަހާލި ކަމަށެވެ.
މިގޮތުން މިރޭ 19:59 ހާއިރު، "ކުރޫޒަރ 3" ނަމަކަށް ކިޔާ ދޯންޏެއް ބަންޑުންޖަހާލައި މީހަކު ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބިފައިވާކަމަށެވެ. އެއާއި އެކު، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ވަނީ ޑައިވަރުންނާއެކު ހަރަކާތްތެރިވެފައެވެ.
"ނަމަވެސް، 20:20 ހާއިރު މި ދޯނިން ގެއްލުނު މީހާ ފެނިފައިވާކަމަށާއި އިތުރު އެހީތެރިކަމެއް ބޭނުން ނުވާކަމަށް ރިޕޯޓްކުރުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑު ހާބަރކްރާފްޓް ލޯންޗު ވަނީ އެހެން ހާދިސާއަކަށް އެޓެންޑްވެފައެވެ."
އެމްއެންޑީއެފްއިން ބުނެފައިވެއެވެ،
މިރޭ ހިނގި ދެވަނަ ހާދިސާ އަކީ، ކ.ގިރާވަރު ކައިރިން ދަތުރުކުރަމުންދިޔަ 22 ފޫޓްގެ "ލޮނު ޓެއިލްސް" ނަމަކަށް ކިޔާ ލޯންޗެއް ބަންޑުންޖަހާލި ހާދިސާގެ ރިޕޯޓެވެ. އެއީ މިރޭ 20:40 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސޮޑްރަންގެ ހާބަރކްރާފްޓް ލޯންޗް އެސަރަހަށްދަށް ގޮސް އެ ލޯންޗުން ދަތުރުކުރި ހަތަރު މީހުން ވަނީ މިރޭ 21:26 ހާއިރު މާލެ ގެނެސްދީފައެވެ. އެ ހަތަރު މީހުންގެ ހާލު ވެސް ރަނގަޅުކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އެމްޓީސީސީގެ "މަހާޖައްރާފާ" ގެ ނަގިލި ކަހާލައިގެން ފަރަކާ ކަރިވަމުންދިޔަކަމުގެ މަޢުލޫމާތު އެމްއާރުސީސީއަށް މިރޭ 20:50 ހާއިރު ލިބުމާ ގުޅިގެން ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަން ސްޓޭންޑްބަައި ކުރެވިފައިވާކަމަށާއި ފަރާ ކައިރިވިނަމަވެސް "މަހާޖައްރާފާ" ފަރަށް އަރާފައެއް ނުވާކަމަށް ބުންޏެވެ.
މިރޭ ދެ ލޯންޗެއް ދިޔަވެގެން އެކަމުގައިވެސް އެމްއެންޑީއެފްއިން ވަނީ ހަރަކާތްތެރިވެފަ އެވެ. އެގޮތުން ތުޅާގިރި ކައިރިން މާލެ ދަތުރުކުރަމުންދިޔަ "ޑެންގޫ ލޯންޗް" ނަމަކަށް ކިޔާ ލޯންޗެއް ކަނޑުގަނދަވެ ނުދުއްވިގެން ދިޔަވާކަމުގެ މަޢުލޫމާތު 20:15 ހާއިރު ލިބިފައިވެއެވެ. ފަހުން އެ ލޯންޗުގެ ދިޔަވުން ކޮންޓްރޯލްކުރެވި، އެ ސަރަހައްދުގައި ހަދަމުންދާ "ލޯބިގިލި" ރިސޯޓުގެ ބަނދަރަށް ވަދެފައިވާ ކަމަށް އުޅަނދުގެ ކެޕްޓަން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާކަމަށް ބުނެފައިވެއެވެ.
މިރޭ ހިނގި އިތުރު ހާދިސާއެއްގައި ކ.ގާފަރު ކައިރިން ދަތުރުކުރަމުންދިޔަ "ލަކީ ސްޓާރ" ނަމަކަށް ކިޔާ ލޯންޗެއް ދިޔަވާކަމުގެ މަޢުލޫމާތު 20:08 ހާއިރު ލިބިފައިވާކަމަށް އެމްއެންޑީއެފް އިން ބުންޏެެވެ. މި އުޅަނދު ދިޔަވުން ކޮންޓްރޯލްކުރެވި ސަލާމަތްތެރިކަމާއެކު، ކ.ގާފަރު ބަނދަރަށް ވަނީ ވަދެފަ އެވެ.
މީގެ އިތުރުން އެމްޕީއެލް ސަރައްދުގައި އޮތް ދެ ބާޖެއް ވައު ކަނޑައިގެން ގޮސް ފުނަދޫއާ ކައިރިވަމުންދާތީ މިރޭ 20:49 ހާއިރު ވަނީ އެމްޕީއެލްގެ ޓަގް ބޯޓްތައް ނެރެ މި ދެ ބާޖު އެމްޕީއެލް ސަރަހައްދަށް ވައްދާފައެވެ.
މިރޭ ހިނގި 7 ވަނަ ހާދިސާ އަކީ، ފަތުރުވެރިން ގޮވައިގެން ކ.ރީތިރަށް ކައިރިން ދަތުރުކުރަމުންދިޔަ ލޯންޗެއް ރީތިރަށް ކައިރީގައިވާ ފިނޮޅަކަށް ބީހިފައިވާ ހާދިސާ އެވެ. އެ ލޯންޗުގައި ތިބި ފަތުރުވެރިން، ރީތިރަށް ރިސޯޓަށް، އެހެން ލޯންޗެއްގައި ވަނީ ގެންގޮސްފައެވެ.
ތިން މީހުންނާއެކު މަހަށް ނުކުމެ އުޅުނު ޑިންގީއެއް މޫސުން ގޯސްވެ ހާލުގައި ޖެހުމާ ގުޅިގެން މިރޭ 19:15 ހާއިރު އެމީހުންވަނީ އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދިފަ އެވެ. މި ހާދިސާގައި ހާލުގައި ޖެހިފައި ވަނީ ހއ. ހޯރަފުށީގައި ދުއްވާ ޑިންގީއެކެވެ.
ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ އެހީތެރިކަމާއެކު ހއ. ހޯރަފުށީގައި އޮންނަ ސީ އެމްބިއުލާންސް އެ ސަރަހައްދަށް ގޮސް، ޑިންގީއާއި އޭގައި ތިބި ތިން މީހުން ވަނީ ސީއެމްބިއުލާންސްގައި ހއ. ހޯރަފުއްޓަށް ސަލާމަތްތެރިކަމާއެކު ގެންގޮސްދީފައެވެ. މި ހާދިސާގައި އެ ޑިންގީން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.
މިރޭ ކަނޑުމަތީގަިއ ހިނގި ހާދިސާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!