މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީ މީސްމީޑިއާގައި ދައްކަވަމުން ގެންދަވަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށާއި، ސިޓީ ކައުންސިލުން ވިލިމާލެއަށް އިހުމާލެއް ނުވާނެކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މޭޔަރު މިހެން ވިދާޅުވީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 58 ވަނަ ރަސްމީ ޢާންމު ޖަލްސާގައި، ނަހުލާގެ ޝަކުވާ ކުރައްވާ ކައުންސިލަރަކު ދެއްކެވި ވާހަކައަކާއި ގުޅިގެން ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާގައި ކައުންސުލަރު ރަމީޒް ވަނީ ވިލިމާލެ ދާއިރާގެ ކައުންސިލަރު ސިޓީ ކައުންސިލްގެ އަގުވެއްޓޭ ގޮތަށް ވާހަކަ ދެއްކުމަކީ ދެރަ ކަމެއް ކަމަަށް ވިދާޅުވެފައެވެ.
ރަމީޒްގެ ވާހަކައާއި ގުޅިގެން މޭޔަރު ވަނީ މީސްމީޑިއާގައި ނަހުލާ ފާޅުކުރައްވާފައިވާ ޝުއޫރުތައް ފެނިވަޑައިގެންފައިވާ ކަމަަށް ވިދާޅުވެފައެވެ. އަދި ކައުންސިލްގެ އަގުވެއްޓޭ ގޮތަށް އެއްވެސް ކައުންސިލަރަކު ޢަމަލު ކުރައްވައިގެން ނުވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
އިއްޔެ ވިލިމާލޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި ކައުންސިލުން އެއްބާރުލުން ނުދިން ކަމަށާއި އަދި މޭޔަރަށް ނިސްބަތް ކުރައްވާ ވިދާޅުވި ވާހަކަ ތަކަށްވެސް މޭޔަރު ވަނީ ރައްދު ދެއްވާފައެވެ.
ރާއްޖޭގެ އޮންލައިން ނޫހަކަށް ނަހުލާ ދެއްވި ބަސްދީގަތުމެއްގައި ވަނީ އޭނާ ޕީޕީއެމުން ވަކި ކުރުމަށްފަހު، ކައުންސިލަރެއްގެ ހައިސިއްޔަތުން ޤާނޫނީގޮތުން އޭނާ އަދާ ކުރަން ޖެހޭ ޒިންމާ އަދާ ކުރުމުގައި ދަތިތަކާ ކުރިމަތިކުރުވާ ކަމަށް ވިދާޅުވެ ވެސް ވާހަކަ ދައްކަވާފައެވެ. އަދި އޭނާއަށް ޒިންމާ އަދާ ކުރުމުގައި ހުރި ދަތިތަކުގެ ވާހަކަތައް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާ ވެސް ހިއްސާ ކުރައްވާފައިވާ ކަމަށް ވިދާޅުވެފަވެއެވެ. ނަމަވެސް ޖަވާބެއްގެ ގޮތުގައި އޭނާއާ މެދު ކަންކަން ކުރަނީ ޕާޓީން (ޕީޕީއެމް) އިން ބުނެފައިވާ ގޮތަށްކަން ކަމަށް މުއިއްޒު ވިދާޅުވާ ކަމަށް ނަހުލާ ވިދާޅުވިއެވެ.
ނަހުލާގެ މިވާހަކަތައް ވެސް މޭޔަރު ވަނީ ދޮގު ކުރަށްވާފައެވެ. އަދި އެއީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށާއި އެކަމުގެ ސަބަބުން މޭޔަރާއި އަދި ކައުންސިލްގެ އަގުވެސް ވެއްޓިފައި ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.
"މި ކައުންސިލްގެ ފަރާތުން ވިލިމާލެ ދާއިރާގެ ރައްޔިތުންގެ ސަމާލުކަމަށް ޓަކައި ދަންނަވާލަން ބޭނުންވޭ ކައުންސިލުން ވިލިމާލޭ އަކަށް އިހުމާލެއް ނުވާނެ. މިއަދާ ހަމަޔަށްވެސް ވާނީ ކައުންސިލުން ވިލިމާލެއަށް ފުރިހަމައަށް އެހީތެރިކަން ދީފަ. ސަމާލުކަން ދީ ކަންކަމުގަ ސަޕޯޓުވެސް ދީފަ. ދިމާވާ ކޮންމެ ހާދިސާއެއްގައިވެސް ތަފާތުކުރުމެއްނެތި ހުރިހާ ދާއިރާއަކަށްވެސް އަޅުގަނޑުމެންނަށް ދެވެންއޮތް ހުރިހާ އެހީތެރިކަމެއް އެބަދެވޭ." މޭޔަރު ވިދާޅުވެފައިވެއެވެ.
ސިޓީ ކައުންސިލްގެ އެއްވެސް ކައުންސިލަރަކު، އެ ކައުންސިލަރަކު ނިސްބަތްވާ ދާއިރާއެއް ގެ އަގު ވެއްޓޭގޮތަށް މަސައްކަތްކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށް ވެސް މޭޔަރު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!