މޮރިޝަސް ކޮމާޝަލް ބޭންކަށް 2.3 މިލިއަން ރުފިޔާ ދައްކަން ރައީސުލް ޖުމްހޫރިއްޔާގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށް އެންގި އެންގުން ހައި ކޯޓުން ވެސް ދަމަހައްޓައިފި އެވެ.
ބޭންކަށް 2.3 މިލިއަން ރުފިޔާ ދައްކަން އެމްސީބީން 2018 ވަނަ އަހަރު އަލީ ޒާހިރަށް އެންގެވީ އޭނާ ޗެކެއް ދޫކުރެއްވުމުން އޭނާގެ އެކައުންޓްގައި އެވަރަށް ފައިސާ ނެތީސް، އޯވަޑްރާފްޓެއްގެ ގޮތުގައި ބޭންކުން ފައިސާ ދޫކުރުމުންނެވެ.
އަލީ ޒާހިރު ޗެކް ދޫކުރެއްވީ އޭނާގެ އެކައުންޓަށް ހަތަރު މިލިއަން ރުފިޔާ ޖަމާވިކަމުގެ ބޭންކް ސްލިޕް ލިބުމުންނެވެ. އެކަމަކު އޭރު ފައިސާ ޖަމައެއް ނުވެ އެވެ.
ބޭންކުން ޗެކަށް ފައިސާ ދޫކުރި އެވެ. ފަހުން އޭނާއަށް އެންގެވީ އެ ފައިސާ އޭނާ ދައްކަވަން ޖެހޭނެ ކަމަށެވެ.
އޭނާ ކޯޓަށް ހުށަހެޅުއްވީ ބޭންކުގެ އެންގުން ބާތިލް ކުރުމަށެވެ. ސިވިލް ކޯޓުން ނިންމާފައި އޮތީ ބޭންކުގެ އެންގުން ބާތިލް ނުކުރެވޭނެ ކަމަށެވެ.
އެ މައްސަލަ އަލީ ޒާހިރުގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ހުކުމްކުރީ ބޭންކުގެ އެންގުން ބާތިލް ނުކުރެވޭނެ ކަމަށެވެ.
ހުުކުމުގައިވަނީ ބޭންކުން އޯވްޑްރާފްޓްގެ ގޮތުގައި ދޫކުރި ފައިސާއަކީ އޭނާ ދައްކަވަންޖެހޭނެ ފައިސާ ކަމަށެވެ.
"އަލީ ޒާހިރު ދޫކުރި ޗެކެއް ޕްރޮސެސްކޮށް، އަލީ ޒާހިރުގެ ކަރަންޓް އެކައުންޓުން އޯވަޑްރޯކުރި ފައިސާއަކީ ބޭންކުން އަލީ ޒާހިރަށް ދިން ފްރީ ގިފްޓެއް ކަމުގައި ބެލެވެން ނެތް،" ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އަޣުލަބިއްޔަތުން ސިވިލް ކޯޓުގެ ހުކުމް ދެމެހެއްޓި އެވެ.
ފަނޑިޔާރު މުހައްމަދު ފައިސަލްގެ ރައުޔަކީ އެ ފައިސާއަށް އަލީ ޒާހިރު ޒިންމާ ނަންގަވަން ނުޖެހޭނެ ކަމަށެވެ. އަދި އެ ފައިސާ ދޫކުރެވުނީ ބޭންކުގެ އިހުމާލުން ކަމަށް އޭނާގެ ރައުޔުގައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!