ހދ. ކުޅުދުއްފުށި ސިޓީގައި ހުންނަ ހައިކޯޓުގެ އުތުރު ގޮފި އަދި އައްޑޫ ސިޓީ ހުޅުމީދޫގައި ހުންނަ އެ ކޯޓުގެ ދެކުނު ގޮފި އުވާލަން ކޯޓުތަކުގެ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށައެޅުއްވީ، އެމްޑީޕީގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހެޅުއްވި ބިލުންނެވެ. އިއްޔެގެ ޖަލްސާގައި 36 މެމްބަރުން ވޯޓު ދީފައި ވެއެވެ.
ޖުޑީޝަރީ ކޮމިޓީން ވަނީ ބިލު ދިރާސާކޮށް، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލަށް ބައެއް އިސްލާހުތައް ގެނެސްފައެވެ.
މަޖިލީހުން ފާސްކުރި އިސްލާހުތަކުގެ ތެރޭގައި ކޯޓުތަކުން ކުރާ ހުކުމްތައް އިސްތިއުނާފު ކުރާ މުއްދަތު 30 ދުވަހަށް އިތުރު ކުރެވޭ ގޮތް ހެދުމާއި ކޯޓުތަކުން އަމިއްލައަށް އިސްނަގައިގެން މައްސަލަތައް ބަލައި ހުކުމްކުރުން ނިމުމަކަށް ގެނައުމާއި ކޯޓަށް ނެތް ބާރަކުން ކުރާ ހުކުމް ބާތިލުވުންވެސް ހިމެނެ އެވެ.
މީގެއިތުރުން މިއިސްލާހަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ހައިކޯޓުގެ ދެ ގޮފީގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެ މުވައްޒަފުން އަދާކުރަމުންދިޔަ ފެންވަރުގެ އެހެން ވަޒީފާއެއް އެހެން ކޯޓަކުން ނުވަތަ ޝަރުއީ ދާއިރާގެ އެހެން އިދާރާއަކުން ހަމަޖައްސައިދީ އެކަންކަން ނިންމުން ވެސް ހިމެނެ އެވެ. އަދި ހައިކޯޓުގެ ދެ ގޮތްޕަށް ހުށަހަޅައި އެތަންތަނުގައި ރަޖިސްޓަރީކޮށް ހިންގަމުން ގޮސްފައިވާ ހުރިހާ މައްސަލަތައް މާލޭގެ ހައިކޯޓަށް ބަދަލުވާނެ ކަމަށްވެސް އިސްލާހުގައިވެ އެވެ.
ގއ. ގދ. ޏ އަދި ސ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފުކުރުމަށް ހުށަހެޅޭ މައްސަލަތައްބަލާ ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތް ފަށާފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ހއ، ހދ، ށ، ނ، ރ، އަދި ބ އަތޮޅުގެ މައްސަލަތައްބަލާ ހައިކޯޓުގެ އުތުރުގޮފި ހުޅުވީ 2018 އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
މި ޤާނޫނަށް ޢަމަލު ކުރަން ފަށާނީ، މި ޤާނޫން ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރ ގެ ގެޒެޓް ގައި ޝާއިޢު ކުރާ ތާރީޚް އިން ފެށިގެންނެވެ.
ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމްކުރި ހައި ކޯޓުގެ ގޮފިތަކުގައި ދާއިމީކޮށް ފަނޑިޔާރުން ތިބޭ ގޮތަށް ކުރިން ހަމަޖެއްސުމަށްފަހު ސުޕްރީމް ކޯޓުން ވަނީ އެ އުސޫލު އުވާލުމަށްފަހު ވަފުދުތައް ގޮސްގެން ޝަރީއަތް ކުރާ ގޮތަށް ހަމަޖައްސައިފަ އެވެ.
ހައި ކޯޓުގެ އުތުރު ގޮފީގައި ހުރި މައްސަލަތައް ބަލަން ހައި ކޯޓުގެ ފަނޑިޔާރުންގެ ވަފުދެއް މިއަހަރުގެ މާޗް މަހުގެ ތެރޭގައި ކުޅުދުއްފުށްޓަށް ވަޑައިގެންފަ އެވެ.
ހައި ކޯޓުގެ ދެ ގޮފި އުވާލަން ގާނޫނަށް އިސްލާހު ގެނައުމަކީ މިޖިލިސް ކެންޕެއިންގައި އެމްޑީޕީއިން ހުށައެޅި ‘އެޖެންޑާ19’ގައި ވެސް ހިމެނޭ ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!