ޔޯގާއާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ސިޓީއެއް ފޮނުވާފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ޔޯގާ ހެދުމަކީ އިސްލާމީ ޝަރީއަތާ ޚިލާފުކަމެއް ކަމަށް ބުނެ، އެކަން ހުއްޓުވައިދިނުމަށް އެދި މިމަހުގެ 15ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން ފުލުހަށް ފޮނުވި ސިޓީގައިވާ ފަތުވާއަކީ އިޖުރާއަތްތަކާ ޚިލާފަށް ނެރެފައިވާ ފަތުވާއެއް ކަމަށެވެ.

Ad
rt

އަދި އެ ސިޓީ އަކީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތްތަކާ ގުޅިގެން ފޮނުވި ސިޓީއެއް ނޫން ކަމަށްވެސް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

މީގެއިތުރުން ޔޯގާގެ ޝަރުއީ ހުކުމާމެދު ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ތަފްސީލީ ފަތުވާއެއް ހޯދުމަށް ފަހު އާއްމު ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ހިޝާމް އަޙްމަދު ސޮއި ކުރައްވައި މި މަހުގެ 15 ވަނަ ދުވަހު ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދަށް ފޮނުއްވާފައިވާ ސިޓީ އާންމުވީ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވުމަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގި މައްސަލަ ވަނިކޮށެވެ.

އެ ސިޓީގައި ވިދާޅުވެފައި ވަނީ ދެހާސް ހަތަރު ވަނަ އަހަރު މިސްރުގެ ފަތުވާ ދޭ މަޖިލީހުން ނެރުނު ފަތުވާއެއްގައި ޔޯގާ އަކީ މުސްލިމުންނަށް ހުއްދަ ކުޅިވަރެއް ނޫން ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި ވެސް 2008 ވަނަ އަހަރު މެލޭޝިއާގެ ގައުމީ ފަތުވާ މަޖިލީހުން ވެސް ޔޯގާގެ ސަބަބުން މުސްލިމުންގެ އަޤީދާއަށް އަސަރު ކުރާ ކަމަށް ބަޔާންކޮށް ފަތުވާއެއް ނެރެފައިވާ ކަމަށެވެ.

ޔޯގާ ދުވަހުގެ ހަރަކާތަކަށް ހުރަސް އެޅުމަށް ހިންގި ޙަރަކާތްތަކާ ގުޅިގެން ދީނީ ދެ އިލްމުވެރިޔަކު ހިމެނޭ ގޮތަށް، ޖުމްލަ 21 މީހަކު ފުލުހުން މިހާތަނަށް ވަނީ ހައްޔަރު ކޮށްފައެވެ.