ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ރީޓްރީޓްގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ.
މި ރީޓްރީޓް ބާއްވާފައި ވަނީ ރުވާންޑާގެ އިންޓެއަރ ކޮންފަރެންސް އެރީނާގައެވެ.
ދެ ސެޝަނަށް ބަހާލައިގެން ކުރިޔަށް ގެންގޮސްފައިވާ މި ރީޓްރީޓްގެ ފުރަތަމަ ސެޝަން އަމާޒުކޮށްފައި ވަނީ ޒުވާނުންނާއި، ޓެކްނޮލޮޖީއާއި، އީޖާދީކަމުގެ މައްޗަށެވެ. އަދި ދެ ވަނަ ސެޝަން އަމާޒު ކޮށްފައިވަނީ ބައިނަލްއަޤްވާމީ ގޮތުން ކުރިމަތިވާ އެކި ގޮންޖެހުންތަކަށެވެ.
ރައީސުލްޖުމްހޫރިއްޔާ ރަސްމީ ދަތުރުފުޅެއްގައި ރުވާންޑާއަށް ވަޑައިގަތީ މި މަހުގެ 20-25އަށް ކުރިޔަށްދާ ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުން 2022 ގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުންނާއި އަދި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުގައި 4 ފޯރަމަކާއި، މިނިސްޓީރިއަލް މީޓިންގތަކާއި، ހަވާސާގައި ބާއްވާ އިވެންޓްތަކާއި، އެހެނިހެން ޙަރަކާތްތައްވެސް ހިމެނެއެވެ.
ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުން 2022ގެ ޝިއާރަކީ "ޑެލިވަރިންގ އަ ކޮމަން ފިއުޗަރ: ކަނެކްޓިންގ، އިނޮވޭޓިންގ، ޓްރާންސްފޯމިންގ" މި އެވެ.
ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ކުރިން ބާއްވަން ހަމަޖެހިފައި އޮތީ 2020 ވަނަ އަހަރުގެ ޖޫން މަހުގައެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ދެ ފަހަރެއްގެ މަތިން މި ބައްދަލުވުން ބާއްވާ ތާރީޚު ފަސްކުރެވުނެވެ. ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން 2022 މިއީ ކޮމަންވެލްތުން ރާއްޖެ ވަކިވުމަށްފަހު އަލުން އެޖަމާޢަތާ ގުޅުނު ފަހުން ބާއްވާ މީގެ ފުރަތަމަ ބައްދަލުވުމެވެ.
ކޮމަންވެލްތު އޮފް ނޭޝަންސްގައި ރާއްޖެއިން ފުރަތަމަ ބައިވެރިވީ 9 ޖުލައި 1982 ގައެވެ. ނަމަވެސް 13 އޮކްޓޯބަރ 2016 ގައި ދިވެހިރާއްޖެއިން ވަނީ ކޮމަންވެލްތުގެ މެންބަރުކަން ދޫކޮށްލާފައެވެ. މި ސަރުކާރުން ވެފައިވާ އެންމެ މުހިންމު އެއް ވަޢުދާ އެއްގޮތަށް ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ސަރުކާރުން ހުށަހެޅި ހުށަހެޅުން 1 ފެބްރުއަރީ 2020 ގައި ބަލައިގަނެ، ރާއްޖެވަނީ އެޖަމާޢަތުގެ 54 ވަނަ މެންބަރު ޤައުމުގެ ގޮތުގައި ހިމަނާފައެވެ.
ކޮމަންވެލްތުގައި ހިމެނޭ 54 ޤައުމެއްގެ 2.5 މިލިއަން މީހުން ތަމްސީލުކުރާ އިރު، އޭގެ ތެރެއިން 25 ޤައުމަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!