ދިވެހި ޙައްޖުވެރިންނަށް ދިމާވާ ދަތިތައް ޙައްލުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ސަޢޫދީޢަަރަބިޔާއިން ބުނެފިއެވެ.
ސަޢޫދީން މިހެން ބުނީ ސައުދީއަރަބިއާގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ޙައްޖު މިޝަންސްގެ ޑިރެކްޓަރ ޖެނެރަލް، ބަހާއު ޙަލަވާނީ އާއި ދިވެހި ޙައްޖު މިޝަންގެ ރައީސް، މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާޒް މުޙައްމަދު އަނީލް ބައްދަލު ކުރައްވާ ދިވެހި ޙައްޖު ވެރިންގެ ކަންކަން ފަސޭހަ ކަމާއިއެކު ކުރިޔައްގެންދިއުމާއި ބެހޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ދިވެހި ޙައްޖުވެރިންނަށް ދިމާވާ ދަތިތައް ޙައްލުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދީ ޙައްޖުގެ އިންތިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަށް ޙައްޖުވެރިން ހޭލުންތެރި ކުރުމުގައިވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ސައުދީގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ޙައްޖު މިޝަންސްގެ ޑިރެކްޓަރ ޖެނެރަލް، ބަހާއު ޙަލަވާނީ ވަނީ ވިދާޅުވެފައިކަމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.
ރާއްޖެއިން ޙައްޖަށްދާ މީހުންގެ ކަންކަން ދިވެހި ސަރުކާރުގެ ފަރާތުން ބެލެހެއްޓެވުމަށްޓަކައި ކޮންމެ އަހަރަކުވެސް ސަރުކާރުން އެކަމަށް ޚާއްޞަ މިޝަނެއް އެކުލަވާލައްވާއިރު، އެ މިޝަންއިން ސަޢޫދީ ޢަރަބިއްޔާގައި ޤާއިމްވެ، ރާއްޖެއިން އެ އަހަރަކު ޙައްޖުގެ އަޅުކަން އަދާކުރަން ސަޢުދީ އަރަބިއްޔާ ދާ ޙާޖީންނަށް އެހީތެރިކަން ފޯރުކޮށްދީ ރަސްމީ އިންތިޒާމްތައް ހަމަޖައްސައިދެއެވެ. މިއަހަރުގެ ޙައްޖު މިޝަންގައި ހިމެނިވަޑައިގަންނަވާ އިސްލާމިކް މިނިސްޓްރީގެ 5 ބޭފުޅުންކަމަށް ސައޫދީއަށް ފުރައިވަޑައިގަތީ މިމަހުގެ 17 ވަނަ ދުވަހުއެވެ.
މިއަހަރުގެ އަމީރުލް ޙައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ އެވެ.
މިއަހަރު ޙައްޖަށް ޙައްޖާޖީން ފުރަން ފަށާނީ މި ހިނގާ ޖޫންމަހުގެ 26 ވަނަ ދުވަހުގެ ރެއިން ފެށިގެންނެވެ. މިފަހަރު ޙައްޖާޖީން ފުރަން ހަމަޖެހިފައިވަނީ 3 ފްލައިޓެއްގައެވެ. އެއީ ޖޫންމަހުގެ 26ވަނަ ދުވަހާއި، 29ވަނަ ދުވަހާއި، ޖުލައި މަހުގެ 2ވަނަ ދުވަހު އޮންނަ ފްލައިޓްތަކުންނެވެ.
ރާއްޖެ އަށް މި އަހަރު ލިބުނު 453 ޖާގަވެސް ލިބިފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށެވެ. އޭގެތެރެއިން 100 ޖާގަ އާންމުންނަށް ހާއްސަ ކޮށް މިހާރު އެޖާގަތަކަށް މީހުން ކަނޑައަޅާފައިވާއިރު، 352 ޖާގައެއް ވަނީ ހައްޖަށް ދާން ހައްޖު ކޯޕަރޭޝަންގެ ކިއުގައި މި ވަގުތު ތިބި މީހުންނަށް ހާއްސަކޮށްފަ އެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަން ފެށޭނީ ކަލަންޑަރުގައިވާ ގޮތުން އަންނަ މަހުގެ 7 ގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!