ހދ. ހަނިމާދޫ ސްކޫލްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދެ ލައްކައެއްހާ ރުފިޔާގެ ގެއްލުން ވެއްޖެއެވެ.
ހަނިމާދޫ ސްކޫލްގައި އަލިފާނުގެ ހާދިސާއެއް ހިނގާ މިއަދު ހަވީރު 17:30 ހާއިރުއެވެ. އެ ހާދިސާއާއި ގުޅިގެން ރަށުގެ ބޮޑު ބަޔަކުން ކަރަންޓް ވެސް ކެނޑުނެވެ.
ހަނިމާދޫ ސްކޫލްގެ ޕްރިންސިޕަލް އަބުދުލް މުޙްސިން ލަތީފް "ތިލަދުން" އަށް ވިދާޅުވީ، އެ ސްކޫލްގައި އަލިފާނުގެ ޙާދިސާއެއް ހިނގީ ސްކޫލްގެ އުތުރު ފަރާތު އިންފާރާއި ސްކޫލް ފާރާއި ދެމެދުގައި ހުންނަ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯވެގެންނެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު އަދި ދަންނަވަން ނޭނގޭ ކަމަށް މުޙްސިން ވިދާޅުވިއެވެ. އޭނާ ލަފާކުރަށްވާ ގޮތުގައި އެ ހާދިސާއިން ލިބުނު ގެއްލުން ދެ ލައްކަ ރުފިޔާއާއި ގާތް ކުރާނެއެވެ.
ހާދިސާގައި އަލިފާން ރޯވި ކަރަންޓް ފޮށި
"އެ ފޮއްޓަކީ އަޅުގަނޑުމެން ސްކޫލަށް ކަރަންޓް ދޭން ބޭނުންކުރާ މައި ފޮށި، ފޮށީގައި ރޯވެ އެނދުމުގެ އިތުރަށް ކައިރީގައި ހުރި ކިލާސް ރޫމްތަކުގެ ދޮރުތަކަަށް ވެސް ގެއްލުންވެ ވަރަށް ބޮޑު ގެއްލުމެއް ލިބިފައި ވަނީ، މި ގެއްލުން ދެ ލައްކައެއްހާ ރުފިޔާއާއި ގާތް ކުރާނެ ކަމަށް ލަފާކުރެވޭ" މުޙްސިން ވިދާޅުވިއެވެ.

އެ ހާދިސާ ހިނގި ޑިސްޓްރިބިއުޝަން ފޮއްޓެއް ފޮއްޓަކީ ހަނިމާދޫ ސްކޫލުން ޚަރަދުކޮށްގެން ހަދާފައިވާ ފޮއްޓެކެވެ. އެ ފޮށި ހުންނަނީ އެ ފޮށިލުމަށް ޚާއްޞަކޮށް ހަދާފައި ހުންނަ ކުޑަ ތަނެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!