ށ. ކަނޑިތީމު ކައުންސިލުން މާލެއަށް ދަތުރެއްފަށައި، އެރަށުގެ ތަރައްގީއާއި ގުޅުންހުރި ކަންކަމާބެހޭ ގޮތުން ކަމާބެހޭ ފަރާތްތަކާ ބައްދަލު ކުރަން ފަށައިފިއެވެ.
ކަނޑިތީމު ކައުންސިލުން މާލެއަށް ކުރާ ދަތުރުގެ ތެރެއިން މިހާރު ވަނީ މިނިސްޓަރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި، ޓޫރިޒަމް މިނިސްޓަރާއި، އާޓްސް އެންޑް ކަލްޗަރ މިނިސްޓަރާއި އަދި އެގްރޯނެޓްގެ އެމްޑީއާއި ބައްދަލުކޮށް އެ މުއައްސަސާތަކާއި ގުޅުންހުރި ކަނޑިތީމުގައި ކުރިއަށްދާ އަދި ކުރިއަށް ގެންދެވިދާނެ ކަންކަމާމެދު މަޝްވަރާ ކޮށްފައެވެ.
ކަނޑިތީމު ކައުންސިލު މެންބަރުން މާލެއަށް މިހާރު ކުރަމުންދާ ދަތުރުގެ ތެރެއިން އިއްޔެ ވަނީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި ބައްދަލު ކޮށްފައެވެ. މި ބައްދަލު ކުރެއްވުމުގައި 2017/2018 ގައި ށ. ކަނޑިތީމު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރުމަށް އެމްޓީސީސީ އާއި ކަނޑިތީމު ކައުންސިލާއި ދެމެދު ވެފައިވާ އެއްބަސްވުމުގައި ވާ ގޮތަށް ދެފަރާތް މަސްވަރާ ކޮށްގެން ގޮތެއް ނިންމުމަށް ވާހަކަ ދެކެވުނެވެ.
މީގެ އިތުރުން 2016/2017 ގައި ކުރިޔަށް ގެންދެވުނު ފަަޅު މަރާމާތުގެ މަސައްކަތް ކުރިޔަށް ގޮސްފައިވާ ގޮތުގެ މަޢުލޫމާތު އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމަށް އަރުވައި އެ މަސައްކަތް އަދިވެސް ފުރިހަމަ ނުވާތީ ދިމާވާ ދަތިތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ.
އަދި މިހާރު ކުރިއަށްދާ އާރުޓީއެލް ފެރީ ޓާމިނަލްގެ މަސައްކަތް ކުރިޔަށްދާ ގޮތުގެ މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއެސްއާރުގެ ދަށުން ކައުންސިލާއި ގުޅިގެން ކުރެވެންހުރި މަސައްކަތްތަކާއި ބެހޭގޮތުން ދެފަރާތުން މަޝްވަރާ ކޮށްފައިވާ ކަމަށް ކަނޑިތީމު ކައުންސިލުން ވިދާޅުވެއެވެ.
މީގެ އިތުރުން މި ބައްދަލުވުންތަކުގެ ތެރެއިން އެ ކައުންސިލުން ވަނީ، ކަނޑިތީމުގައި ކުރިޔަށްދާ ފެނުގެ ނިޒާމުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިޔުމާއި، އަލަށް އާބާދުވާ ސަރަހައްދުގައި ފެނާ ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ހުރި ދަތިތައް ހައްލުކުރުމަށް ވެސް މަޝްވަރާކޮށްފައެވެ.
މީގެ އިތުރުން ފަޅުގެ މަރާމާތުގެ މަސައްކަތް ނިންމާލިއިރު ފަޅުގެ އެތެރެ ފުންކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ނުވާތީ ފަޅު ތިލަވެފައި ވާމައްސަލަ އާއި ފަޅުގެ މަރާމާތަށް ފަހު ނެރު ތިލަވަމުންދާތީ އުޅަނދު ފަހަރަށް ދިމާވާ ދަތިތަކުގެ އިތުރުން އޮފިޑް ފަންޑުން ކުރިޔަށް ގެންދާ ރިސޯސް ސެންޓަރގެ މަސައްކަތް ކުރިޔަށްދާ ގޮތުގެ މަޢުލޫމާތު ޙިއްޞާކޮށް މަޝްވަރާ ކުރައްވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!