މައްސަލަ ބޮޑުވެފައިވާ ބާ އިމްތިހާން އެންމެ ފަހުން ފަސްކޮށްފިއެވެ.
ގާނޫނީ ވަކީލުކަން ކުރުމަށް ލައިސަންސް ނުވަތަ ހުއްދަ ހޯދުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ބާ އިމްތިހާން ފަސްކުރަން ނިންމިކަން އިޢުލާން ކުރެއްވުމަށް ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ކުރިން ނިންމާފައިވާ ބާ އިމްތިހާން އަންނަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހަށް ފަސްކުރަން ނިންމާފައިވާ ކަމަށެވެ.
ބާ ކައުންސިލުން ބުނީ މި މަހުގެ 25 ވަނަ ދުވަހު އިމްތިހާން ހެދުމަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކުން އަލުން ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށެވެ.
މީގެއިތުރުން މިހާތަނަށް މި އިމްތިހާނުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކޮށް ތިބި ފަރާތްތަކަށްވެސް އެ ފުރުސަތު އޮންނާނެ ކަމަށް ބާކައުންސިލުން ވިދާޅުވިއެވެ.
އެހެންނަމަވެސް އެ ފުރުސަތު ހުޅުވާލާނެ ތާރީހު އިއުލާން ކުރާނީ ފަހުން ކަމަށްވެސް ބާ ކައުންސިލުގެ ބަޔާނުގައިވެއެވެ.
ބާ ކައުންސިލުން ބާ އިމްތިހާން އަންނަ ހޮނިހިރު ދުވަހު ބާއްވަން ތާވަލު ކުރުމާއެކު ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށް، އިމްތިހާން ފަސްކޮށްދިނުމަށް އެ އިމްތިހާން ހަދަންޖެހޭ މީހުން އެދެމުންދިޔަ ނަމަވެސް އާދީއްތަ ދުވަހު ބޭއްވި ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައި ވަނީ ބާ އިމްތިހާން ފަސްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!