ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުން އަންނަ އަހަރު ކުރީކޮޅު އެ ސަރަހައްދުން ދަތުރުކުރާ އާގުބޯޓު ފަހަރަށް ޚިދުމަތް ދޭން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވީ ހއ. އިހަވަންދިއްޕޮޅުން އަންނަ އަހަރު ކުރީކޮޅު ޚިދުމަތް ފެށި ނަމަވެސް މި ޚިދުމަތްތައް ކުރިޔަށް ގެންދާނީ އެ ސަރަހައްދުގައި ބައިނަލްއަގުވާމީ ޓްރާންސްޝިޕްމަންޓް ބަނދަރެއް ގާއިމް ކުރެވެންދެން ކަމުގައެވެ.
އިހަވަންދިއްޕޮޅު ސަރަހައްދުން ދަތުރުކުރާ އާގުބޯޓުތަކަށް ޚިދުމަތްދޭން ފެށޭނީ ކޮން ތާރީޚެއްގައިތޯ ސާފު ކުރުމަށް ހޯރަފުށި ދާއިރާގެ ތިންރަށުން ހުށަހެޅި ގަރާރުގައި ހިމެނޭ ކަންކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރަށް ލިޔުމުން ޖަވާބު ހޯދުމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ މި ގަރާރުގައިވާ ކަންކަން ވީ އެންމެ އަވަހަކަށް އެ ސަރަހައްދުގައި ފެށުމަށް އިކޮނޮމިކް މިނިސްޓްރީން ކަމާގުޅުންހުރި އިދާރާތައް ހިމެނޭ ގޮތުން ވާކިން ގްރޫޕެއް އެކުލަވާލައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި ވާކިންގ ގްރޫޕްގައި ކުރެވުނު މަޝްވަރާ ތަކުން އިހަވަންދިއްޕޮޅުގައި އެންމެ އަވަހަށް ފެށިދާނެ ޚިދުމަތްތަކުގެ ތެރޭގައި ކްރޫ ޗޭންޖިންގގެ ޚިދުމަތާއި، ޝިޕް ސްޓޯރގެ އިތުރުން ސަޕްލައި ފޯރުކޮށް ދިނުމުގެ ޚިދުމަތް ފެށިދާނެކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ އެކަންކަމަށް ބޭނުންވާ އިމާރާތްތަކާއި ވަސީލަތްތައް ގާއިމްކޮށް އެހެނިހެން ތައްޔަރީތައް ވުމުގެ މަސައްކަތް އެމްޕީއެލްއާއި، ޓްރާންސްޕޯޓް މިނިސްޓްރީ އާއި ކަމާ ގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
މީގެއިތުރުން މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު އިހަވަންދިއްޕޮޅުން ބައިނަލް އަގުވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ވެސް އެސްޓީއޯއިން ތައްޔާރުވަމުން އަންނަ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އެކަމަށް ބޭނުންވާ ފައިސާއާއި، އުޅަނދުފަހަރާއި، އިކުމަންޓް ހޯދުމާއި، ގާނޫނީ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 900 މީޓަރުގެ މަގަތުފާލަމެއް ގާއިމުކުރުމަށް ސަރުކާރުން ޕްލޭންކޮށްފައި ވާއިރު އަހަރަކު 1.8 މިލިޔަން ކޮންޓެއިނަރު ހެންޑްލް ކުރުމުގެ ކެޕޭސިޓީ ގާއިމްކުރުމަށް އަމާޒު ހިފާފައިވާ ކަމަށާއި މި މަޝްރޫއުއަށް 466 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓެއް ބޭނުންވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ލަފާކުރައްވާފައި ވެއެވެ.
Ad
އިހަވަންދިއްޕޮޅުގައި ހިމެނޭ ހއ. އުލިގަމުން މިހާރު ވެސް ބައިނަލްއަޤްވާމީ އުޅަނދުފަހަރަށް ގެންދަނީ ތަފާތު ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ.
އެގޮތުން އޮނަވިހިސަތޭކަ ނުވަދިހައިގެ އަހަރު ތަކުން ފެށިގެން އުލިގަމުން ކަސްޓަމްސް އާއި ޕޯރޓް ހެލްތުގެ އިތުރުން އިމިގްރޭޝަނާއި އެމްއެންޑީއެފް އަދި ކޯސްޓްގާޑްގެ ޚިދުމަތް ޤާއިމުކުރެވި މެދުނުކެނޑި ޚިދުމަތް ފޯރުކޮށްދެއެވެ. މިއަދުވެސް އުލިގަން ބަނދަރުގައި ޔޫރަޕަށް ނިސްބަތްވާ ތިން އުޅަނދެއް އޮތްއިރު އެ އުޅަނދުފަހަރަށް ބޭނުންވާ އެންމެހާ ޚިދުމަތްތައް ފޯރުކޮށްދެމުން ގެންދާ ކަމަށް އުލިގަމުން މަޢުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!