މިއަދު ހެނދުނު ގަލޮޅު ސްޓޭޑިއަމްގައި ހިންގި ހަމަނުޖެހުމާ ގުޅުންހުރި އެއްވެސް މައުލޫމާތެއް އަދި ހެއްކެއްވާ ނަމަ ވީހާވެސް އަވަހަކަށް ފުލުހުންނަށް ހުށަހެޅުމަށް ގޮވާލައިފިއެވެ.
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ސްޓޭޑިއަމްގައި ބޭއްވި ހަރަކާތުގެ ތެރެއަށް ބަޔަކު ވަނީ ވަދެގަނެ ހަމަނުޖެހުން ހިންގާފައެވެ. ޝަހަދަތުގެ ކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ވަދެ އެތަނުގައި ހަޅޭއްލަވާ އެތަނުގައި ތިބި ބައެއް މީހުންނަށް އަނިޔާދޭ މަންޒަރު ވެސް ވީޑިއޯތަކުން ފެނެއެވެ.
އެ މައްސަލާގައި މިހާތަނަށް 6 މީހަކު ހައްޔަރުކޮށްފައިވާއިރު، ފުލުހުން ކުރި ޓުވީޓެއްގައި ވަނީ މި ހަމަނުޖެހުމުގެ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ފުލުހުންގެ ޕޯޓަލް މެދުވެރުކޮށް ހިއްސާކޮށްދިނުމަށް އެދިފައެވެ. އަދި މައުލޫމާތު ހިއްސާކުރާ ފާރަތްތަކުގެ ވަނަވަރު ސިއްރުކުރާނެ ކަމުގެ ޔަގީންކަން ފުލުހުން އަރުވައެވެ.
މި މައްސަލަ އަކީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޔުނިޓުން ބަލަމުން އަންނަ މައްސަލައެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!