ހދ.މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ލޯގޯއާއި ދިދަ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް މަކުނުދޫ ކައުންސިލުން އިޢުލާން ކޮށްފިއެވެ.

މަކުނުދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރަސްމީ ލޯގޯއާއި ދިދަ ފަރުމާކޮށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެ ކޮމެޓީން ހޮވާ އެންމެ ރީތި ލޯގޯއާއި ދިދަ ހުށަހަޅުއްވާ ފަރާތަށް 2000.00 (ދެ ހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

Ad
rt

މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ލޯގޯއާއި ދިދަ ފަރުމާކޮށް ހުށަހެޅުއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 ޖުލައި 07 ވަނަ ދުވަހުގެ މެންދުރު 11:00 ގެ ކުރިން ތިރީގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެސްއަށް މެއިލް ކުރެއްވުމަށް މަކުނުދޫ ކައުންސިލުން އެދިލައްވައެވެ.

މެއިލް އެޑްރެސް: fe@makunudhoo.gov.mv

މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން އެ ކައުންސިލްގެ އެގްޒެކްޓިވް އަޙްމަދު ޙާފިޡު 9695777 ފޯނަށް ގުޅުއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

މިކަމާއި ގުޅިގެން މިއަދު މަކުނުދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި، ލޯގޯއާއި ދިދަ ފަރުމާކޮށް ހުށަހެޅުމުގައި ވިސްނަންވީ ކަންކަމުގެ ވަރަށް ތަފްސީލީ މަޢުލޫމާތު ހިމެނޭ، މަޢުލޫމާތު ޝީޓެއް ވަނީ ހިމެނާފައެވެ. މި ޚަބަރުގެ ތިރީގައި އެ މަޢުލޫމާތު ޝީޓް އެޓޭޗް ކުރެވިފައިވާނެއެވެ.