ސްކޫލްތަކުގެ ކިޔެވުންނިމި އަންނަ ހަފްތާ ބޮޑު ޗުއްޓީފެށޭއިރު އެ ހަފްތާގައި މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

އަންނަ ހޮނިހިރު ދުވަހުން ފެށިގެން އެ ހަފްތާތެރޭގައި މުޅި ރާއްޖެއަށް ކެރީގެ އަސަރުތައް ފޯރާނެ ކަަމަށް ލަފާކުރެވޭކަމަށް މެޓު އޮފީހުން މައުލޫމާތު ދެއެވެ.

Ad
rt

ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވާއިރު އަންނަ ހަފްތާ ބަންދަށް، ރާޅުތައް އާދައިގެ ވަރަކަށް ބޮޑުވާނެ ކަމަށާއި މިހާރަށްވުރެ ކުޑަތަންކޮޅެއް ވަޔާއި ކަނޑު ގަދަވާނެ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފައެވެ.

މެޓުން ބުނީ، ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ފެންނަނީ ތަންކޮޅެއް ގަދަކޮށް ކަމަށާއި ހާއްސަކޮށް އުތުރާއި މެދު ރާއްޖެ ތެރެއަށް ތަންކޮޅެއް ކަނޑު ގަދަވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުންނިމި ސްކޫލްތައް ބޮޑު ޗުއްޓީއަށް ދާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. ބޮޑު ޗުއްޓީއާއި ބޮޑު ޢީދު ވެސް ދިމާވާތީ މިހާރު ވެސް އެތެރޭގެ ވައިގެ ދަތުރުތައް ވަނީ ޖުލައި ފުރަތަމަ ހަފުތާފެ ނިޔަލަށް ފުލްވެފައެވެ.

މިއަހަރުގެ ޙައްޖު ދުވަހަކީ ޖުލައި 8 އެވެ. އެހެންކަމުން ބޮޑު ޢީދު ފެށޭނީ ޖުލައި 9 ގައެވެ. މިއަހަރުގެ ބޮޑު ޗުއްޓީއަށް ފަހު ސްކޫލްތައް ހުޅުވޭނީ އޯގަސްޓް 7 ވަނަ ދުވަހުއެވެ.

ޖުލައި މަހާއި ބޮޑު ޗުއްޓީ ދިމާވާހެން ދިރާސީ އަހަރުގެ ކިޔެވުމަށް މިދިޔަ އަހަރުން ފެށިގެން ބަދަލު ގެނެސްފައިވާއިރު، މިދިޔަ އަހަރުގެ ބޮޑު ޗުއްޓީގެ ބޮޑު ބައި ވެސް ދިމާވީ ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރަކަށެވެ.

ކޮންމެ އަހަރެއްގެ ޖޫން، ޖުލައި އަކީ މޫސުމީ ގޮތުން ދިވެހިން ތަޖުރިބާކުރާ ހުޅަނގު މޫސުމުގެ އެންމެ ގޯސް ދުވަސްވަރު ދިމާވާ މަސްތައްކަމަށް ކުރިއްސުރެ ބެލެވިފައިއޮވެއެވެ.