މިދިޔަ ހަފްތާގައި ހަތަރު ސަތޭކަ އަށްވުރެ ގިނަ މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވް ވަމުންދާ ރޭޓް އިތުރުވަމުން ދާތީ އިންޒާރު ކުރައްވަމުން އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި ހަފްތާގައި 205 މީހުން ވަނީ އެ ބަށްޔަށް ޕޮޒިޓިވް ވެފައި ވެއެވެ.
މީގެ ތެރޭގައި ހިމެނެނީ މާލޭން ޕޮޒިޓިވް ވެފައިވާ 231 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވެފައިވާ 95 މީހުންގެ އިތުރުން އެހެނިހެން ރަށްތަކާއި ރިސޯޓްތަކުން ޕޮޒިޓިވް ވެފައިވާ 79 މީހެކެވެ.
ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި މިހާރު ވެސް ސަތާރަ މީހަކަށް ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.
ކޯވިޑަށް ޕޮޒިޓިވް ވާ އަދަދުތައް މަތިވަމުން އަންނަ އިރު އެޗްޕީއޭގައި މުވައްޒަފުންގެ ދަތިކަން ހުރިކަމަށާއި ޕޮޒިޓިވް ވާ އަދަދުތައް މަތިވަމުން އަންނަ އިރު، ޑައިރެކްޓް ކޮންޓެކްޓުން ޓެސްޓު ހަދާނަމަ ދާން ޖެހެނީ ވެސް އަމިއްލައަށް ކަން ވަނީ އެނގިފައެވެ.
އެޗްޕީއޭއިން ވަނީ ވޭތުވެދިޔަ މަސްތަކުގައި ކޯވިޑް-19 ގެ ކޭސްތައް ރާއްޖޭގައި މަދުވެފައި އޮތުމަށް ފަހު، އަނެއްކާވެސް ގިނަވަމުން ދާތީ އެކަމަށް އާންމުން ސަމާލުވެ ރައްކަތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ގޮވާލާފައެވެ.
މީގެއިތުރުން ކޯވިޑަށް ޕޮޒިޓިވް ވެއްޖެ ނަމަ އެކަހެރިވުމާއި ކޮންޓެކްޓުންގެ މައުލޫމާތު ފޯރުކޮށް ދިނުމުގެ އިތުރުން ވެކްސިންގެ ޑޯޒުތައް ފުރިހަމަ ނުވާ ފަރާތްތަކުން ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީޢޭއިން ބުނެއެވެ.
އެގޮތުން 12 އަހަރުން މަތީގެ ފަރާތްތަކަށް ވެކްސިންގެ ދެ ޑޯޒު އަދި 18 އަހަރުން މަތީގެ ފަރާތްތަކުގެ ތެރެއިން ދެޑޯޒު ފުރިހަމަ ކޮށް 6 މަސްވެފައިވާ ފަރާތްތަކަށް ބޫސްޓާ ޖެހުމުގެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ދުނިޔޭގައި އަދިވެސް ޕެންޑެމިކްގެ ހާލަތު ދެމިއޮތުމުގެ އިތުރުން ބައެއް ގައުމުތަކުގައި މިހާރު ވެސް ކޮވިޑްގެ ހާލަތު ދަނީ ގޯސް ވަމުންނެވެ. އެހެންނަމަވެސް ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި އަދި ބަލީގެ ނުރައްކާ ބޮޑު ފަރާތްތައް ބަލިން ރައްކާތެރި ކުރުމަށްޓަކައި ހުރިހާ ފަރާތްތަކުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!