ހަވަނަ އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރެންސް މިއަހަރު ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ.
މިހާރުގެ ތަޢުލީމީ ދާއިރާ އޮތްގޮތާއި ކުރިއަށް އޮތް ތަނުގައި ތައުލީމު ފޯރުކޮށް ދިނުމަށް ކުރާނެ މަސައްކަތް ނުވަތަ ”ކަރަންޓް ޕަރސްޕެކްޓިވްސް އެންޑް ފިއުޗަރ ޑިރެކްޝަންސް“ ގެ ތީމަށް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ މި ކޮންފަރެންސް ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 9 އިން 10 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކުރިން މިދިޔަ އަހަރު ބޭއްވުމަށް ނިންމި ހަވަނަ އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރެންސު ކޮވިޑުގެ ސަބަބުން ބޭއްވިފައި ނުވެއެވެ.
ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވާ މި ކޮންފަރެންސަކީ ނޭޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަން، އެން އައި އީ އިން ޓީޗަރުންނަށް އަމާޒު ކޮށްގެން ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު ކޮންފަރެންސެވެ.
މި އަހަރުގެ މި ކޮންފަރެންސްގައި ތައުލީމީ ދާއިރާގެ ތަޖުރިބާ ކާރުންނާއި ބޭރުގެ ތަޖުރިބާކާރުންގެ އިތުރުން 250 މީހުން ބައިވެރި ވާނެކަމަށް ބެލެވެއެވެ.
ޓީޗަރުންނަށް އަމާޒު ކޮށްގެން ބާއްވާ މި ކޮންފަރެންސަކީ ސްކޫލްތަކުގައި މަސައްކަތް ކުރާ ޓީޗަރުންގެ މެދުގައި ދިރާސާ ކުރުމުގެ ސަޤާފަތެއް ޤާއިމު ކުރުމަށާއި ޢިލްމީ މަސައްކަތް ކުރާ ބައިނަލް އަޤްވާމީ ފަރާތް ތަކަށް ރާއްޖެ ހުޅުވާލުމަށް ކުރިއަށް ގެންދާ ކޮންފަރެންސްއެކެވެ.
މިކޮންފަރެންސް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އެމީހުންގެ މަސައްކަތްތައް ހިއްސާ ކުރާނެ ޕްލެޓްފޯމެއް ހުޅުވައިދީ، ހުށަހެޅޭ ޢިލްމީ ދިރާސާތަކާއި މަސައްކަތްތަކުގެ އަލީގައި ސްކޫލްތަކުގެ ކިޔަވައިދިނުމަށް ރަނގަޅު ބަދަލުތަކެއް ގެނެވޭނެ ކަމަށް އެން.އައި.އީން އުންމީދު ކުރައްވައެވެ.
މީގެކުރިން އަތޮޅު ތެރޭގައި ބޭއްވި މީގެ ފުރަތަމަ ކޮންފަރެންސް އައްޑޫ ސިޓީގެ ހިތަދޫގައި ބާއްވާފައިވަނީ 2019 ވަނަ އަހަރުއެވެ.
އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ބާއްވަމުން އަންނަތާ މިހާރު ދިހަ ވަރަކަށް އަހަރު ވަނީ ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!