ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގު ބޮޑުވުވުމުގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން ފިޔަވަޅު އަޅަން ފަށައިފިއެވެ.
މިގޮތުން ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއަކަށް މާދަމާއިން ފެށިގެން ޢަމަލު ކުރަން އަންގަވާފައި ވާއިރު، ލޯކަލް ކައުންސިލްތައް ފިޔަވައި ދައުލަތުގެ އެހެން މުއައްސަސާތަކުން މި ފިޔަވަޅުތައް ތަންފީޒު ކުރަން ޖެހެއެވެ.
މި ސާކިއުލާގައި ވަނީ، ފިނޭންސް މިނިސްޓްރީގެ ހުއްދަ ނުހޯދައި އެއްވެސް ޕްރޮމޯޝަނެއް ނުދިނުމާއި، ރަސްމީ ގަޑިން ބޭރުން ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ފިޔަވައި އިތުރު ގަޑީގެ މަސައްކަތް ނުކުރުމަށް އަންގާފަވެއެވެ. އަދި ބަޖެޓުން ހަރަދު ކުރާ އެއްވެސް އާ މަގާމެއް ނުއުފެއްދުމާއި މުއައްޒަފުންނަށް މި އަހަރު އެއްވެސް އާ އެލަވަންސެއް ދޭން ނުފެށުމަށް ވަނީ އަންގައިފަ އެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ހަތް ދާއިރާއަކުން އަޅާފައިވާ ގިނަ ފިޔަވަޅު ތަކާއެކު ފަސް ހާސް ރުފިޔާ އަށް ވުރެ ބޮޑެތި ޚަރަދުތައް ކުރުމުގެ ކުރިން ފިނޭންސް މިނިސްޓްރީން ހުއްދަ ހޯދަން ޖެހޭނެ ކަމަށް ފިނޭސްން މިނިސްޓްރީގެ ސާކިއުލާގައި ބަޔާން ކޮށްފައި ވެއެވެ.
އެގޮތުން މުވައްޒަފުންނަށް ހިނގާ ޚަރަދުތަކާއި، ދަތުރުތަކަށް ކުރާ ޚަރަދުތަކާއި، އޮފީސް ހިންގުމަށް ތަކެތި ހޯދުމާއި، އޮފީސް ހިންގުމަށް ބޭނުންވާ ހިދުމަތުގެ ޚަރަދުތަކާއި، ތަމްރީނު ކުރުމަށް ހިނގާ ޚަރަދުތަކާއި، މަރާމާތުކޮށް ބެލެހެއްޓުމަށް ކުރާ ޚަރަދު ތަކުގެ އިތުރުން ކެޕިޓަލް ޚަރަދުތައް ކުޑަ ކުޑަ ކުރުމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވެއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ނެރުއްވި "މާލިއްޔަތާ ބެހޭ ސާކިއުލާ" އަކީ، ތެލާއި އެހެން ބައެއް ބާވަތްތަކުގެ އަގުތައް މައްޗަށް ދާތީ މި ވަގުތު ރާއްޖެއިން ވެސް ހަރަދުތައް ކުޑަކުރަން އިއުލާންކުރި ފުރަތަމަ ފިޔަވަޅުތަކެވެ.
ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި ބުނީ އަގުތައް އިންތިހާއަށް އުފުލިފައި ވާތީ، ދައުލަތުގެ ހަރަދުތައް ދަނީ ކުރިން އަންދާޒާކުރި މިންވަރަށްވުރެ މާ ބޮޑަށް އިތުރުވަމުން ކަމަށެެވެ. މީގެ ސަބަބުން ދައުލަތަށް ލިބޭނެ އާމްދަނީ އާއި ކުރަން ޖެހޭ ހަރަދު ދިމާނުވެ، އިތުރު ގޮންޖެހުންތަކާއި ކުރިމަތި ވެދާނެ ކަން ފިނޭންސް މިނިސްޓްރީން ފާހަގަ ކޮށްފައިވެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ދުނިޔޭގެ ބާޒާރުގައި އިންޓްރެސްޓް ރޭޓު އުފުލެމުންދާ މި ދަނޑިވަޅުގައި ހަރަދުތައް އިތުރަށް ކޮންޓްރޯލް ނުކޮށް ޑެފިސިޓް އިތުރުވެގެންދާ ނަމަ މި ޑެފިސިޓް ފައިނޭންސް ކުރުމަށް ވެސް ދައުލަތުގެ ބަޖެޓުން އިތުރު ބުރައެއް އުފުލަން ޖެހޭނެ ކަމަށެވެ.
އެހެންކަމުން، މި ދަނޑިވަޅުގައި މިފަދަ ބުރައެއް އުފުލުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ނުފެންނާތީ، ދައުލަތުގެ ހަރަދުތައް ކުޑަކޮށް އިގްތިސޯދު ކުރުމަށް މިވަގުތު ބޭނުން ޖެހިފައިވާކަން ފިނޭންސް މިނިސްޓްރީން ފާހަގަ ކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!